މިފަހަރުގެ ޔޫރޯގައި ބޭނުންކުރާ ރަސްމީ ބޯޅައިގެ ނަމަކީ "ފުސްބަލްލީބާ" އެވެ. މިއީ ޖަރުމަނު ބަހުން ފުޓްބޯޅައިގެ ލޯތްބެވެ. މި ބޯޅަ ފަރުމާކޮށް އުފެއްދީ ކުޅިވަރުގެ ސާމާނު އުފައްދާ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުންފުނިކަމަށްވާ އެޑިޑާސްއިންނެވެ. އެޑިޑާސްއަކީ ޔޫރޯގެ އެކި މުބާރާރްތަކަށް ރަސްމީ ބޯޅަ ފަރުމާކޮށް އުފެއްދުމުގައި ފަޚުރުވެރި ދިގު މާޒީއެއް ލިބިގެންވާ ކުންފުންޏެކެވެ. މިގޮތުން ޔޫރޯގެ އެންމެ މަޝްހޫރު ރަސްމީ ބޯޅަތަކުގެ ތެރޭގައި ހިމެނުނު ޓެންގޯއަކީ 1968 ގެ ޔޫރޯއަށް އެޑިޑާސްއިން ނެރުނު ބޯޅައެވެ. މީގެ ހަތަރު އަހަރު ކުރިން އެންމެފަހުން 2020 ވަނަ އަހަރު ބޭއްވުނު ޔޫރޯގައި ބޭނުންކުރި ރަސްމީ ބޯޅަ ކަމަށްވާ ޔުނިފޯރިއާއަކީވެސް އެޑިޑާސްގެ މަސައްކަތެކެވެ.
ފުސްބަލްލީބާގައި ހުރި ކުރެހުންތަކާއި ބޭނުންކޮށްފައިވާ ކުލަތަކުން ރަމްޒުކޮށްދެނީ ޔުއޭފާގެ އެންމެހައި މެންބަރު ގައުމުތަކާއި ވިލާތުގެ ފުޓްބޯޅައިގެ ވަރުގަދަ ސަގާފަތެވެ. ޔުއޭފާގެ މެންބަރު ގައުމުތަކުގެ އަދަދަކީ 55 އެވެ. ކުރެހުންތަކަށްބަލާއިރު އެންމެ ފާހަގަވަނީ ކަޅުކުލައިގެ ވަރައެކެވެ. އެއީ ފުޓްބޯޅައިގެ އުދަރެހުގައި ވިލާތުގެ އުދުހުމުގެ އުސްކަމާއި ފިޔަޖެހުން ރަމްޒުކޮށްދޭ ކުރެހުމެކެވެ. މުބާރާތުގެ މެޗުތައް ކުޅެވޭ ކޮންމެ ސިޓީއެއްގެ ނަމާއި ސްޓޭޑިއަމް ރަމްޒުކޮށްދޭ ކުރެހުންތައްވެސް ވަނީ ހިމަނައިފަައެވެ. ބޯޅައިގެ ބޭރުގައިވާ ފިތްތަކާއި ކެނޑުންތައް ފަރުމާކޮށް ބޭނުންކޮށްފައިވަނީ ވަރަށްބޮޑަށް ދިރާސާކޮށް ޓެސްޓުވެސް ކުރުމަށްފަހުގައެވެ. ލެބޯޓަރީއާއި ދަނޑުމަތީގައެވެ.
މި ބޯޅައިގެ ކަންކަން ފައިނަލް ކުރެވުނީ ވައިގެތެރޭގައި ބޯޅަ ދަތުރުކުރާގޮތާއި ފަޔަށް ފަސޭހަގޮތާއި ކޮންޓްރޯލަށް ވަރަށް ބޮޑަށް އިސްކަން ދެވިގެންނެވެ. މީގެކުރިން ޔޫރޯގެ ރަސްމީ އެއްވެސް ބޯޅައެއްގައި ބޯޅަ ޓެކްނޮލޮޖީ ބޭނުންކުރެވިފައެއް ނުވެއެވެ. މިފަހަރުގެ ބޯޅައިގައި މުޅިން އަލަށް މި ޓެކްނޮލޮޖީ ހިމަނައި ޔޫރޯގައި ތަޖުރިބާކުރުމަށް ވަނީހަމަޖެހިފައެވެ. މިއީ ބޯޅައިގެ ތެރޭގައި ހަރުކުރެވިފައިވާ ޚާއްސަ އިލެކްޓޯނިކް ފިތްތަކެއްގެ އެހީގައި ބޯޅައިގެ ޕޮޒިޝަނާއި ހާލަތު ވީޑިއޯ އެސިސްޓަންޓް ރެފްރީންނަށް ވަގުތުން ފޮނުވައިދޭ ނިޒާމެކެވެ. ކުޅުންތެރިއެއްގެ ގައިގައި ބޯޅަޖެހުނަސް، ބޯޅަ ބޭރުވިއަސް، ލައިނެއް ހުރަސްކުރިއަސް އެކަމެއްގެ މައުލޫމާތު ހަމަސީދާ މިބޯޅައިން ފޮނުވައިދޭނެއެވެ.
ބޯޅަޔާ ބެހޭ ކަންކަމުގެ އެންމެއިސް ވެރިޔަކީ ޔުއޭފާގެ ޓެކްނިކަލް ޑައިރެކްޓަރު ކްރޮއޭޝިއާގެ ކުރީގެ ފޯވާޑް ޒޮނިމިއަރ ބޮބާންއެވެ. އޭނާ ބުނެފައިވަނީ ޔޫރޯއަކީ ޔޫރަޕުގެ އެންމެމަތީ ފަންތީގެ އެންމެބޮޑު ފުޓްބޯޅަ މުބާރާތްކަމަށްވާތީ މި މުބާރާތާއިގުޅޭ އެންމެހައި ކަންކަން ދުނިޔޭގެ އެންމެމަތީ ފެންވަރުގައި ހުރުން ލާޒިމުކަމުގައެވެ. އެގޮތުން މި ބޯޅަޔާއި ކުޅުންތެރިން ބޭނުންކުރާ ކިޓްތަކާއި މިހެންގޮސް ހަމަ ހުރިހާ އެއްޗަކީ ވެސް އެންމެމަތީ ކޮލިޓީގެ ތަކެތިކަން ކަށަވަރުކުރެވިފައިވާ ކަމުގައެވެ. ޔޫރޯގެ އައު ބޯޅައިގެ ސަބަބުން މުބާރާތުގެ ފުރިހަމަކަން އިތުރުވެގެންދާނެކަމަށްވެސް ބޮބާން ބުންޏެވެ. ދަނޑުމަތީގައި މި ބޯޅައިގެ އަޖުމަބެލި ކުޅުންތެރިންވެސް ބުނެފައިވަނީ މިހެންނެވެ.
އައު ބޯޅައެއް ނެރޭއިރަށް އެންމެންގެ ހިތުތެރޭގައިވެސް އުފެދޭ ސުވާލަކީ މީގެ ސްޕީޑް ރަނގަޅުވާނެ ބާވައެވެ. ވައިގެތެރޭގައި ކަސިޔާރުވުން ބޮޑުވާނެ ބާވައެވެ. ކޮންޓްރޯލްކުރާއިރު ބައުންސްވުން ބޮޑުވެފައި އުނދަގޫވާނެ ހެއްޔެވެ. މި ބޯޅައިގެ އަޖުމަބެލި ކުޅުންތެރިންގެ ރައުޔުގައި މިއީ މިހާތަނަށް ޔޫރޯ މުބާރާތެއްގައި ބޭނުންކުރާ އެންމެ ބަރާބަރު ބޯޅައެވެ. މީގެ ސަބަބުން ކުރިއަށްވުރެ ގިނަ ގޯލްތަކެއް ފެނުމުގެ ފުރުސަތު ބޮޑެވެ. އެހެންވިއްޔާ މި ބޯޅަވާނީ ގޯލްކީޕަރުންގެ ބިރަކަށްތާއެވެ. އެކަމަކު ބޯޅައިގެ އަޖުމަބެލި ކީޕަރުން ގަބޫލުކުރާގޮތުގައި މިއީ ބިރެއް ނޫނެވެ. މިއީ ކީޕަރުންނަށް އެޑްވާންޓޭޖް ބޮޑު ބޯޅައެކެވެ. ދެން އެނގިދާނެތާއެވެ. މި ބޯޅައިގެ ސަބަބުން ޔޫރޯގެ ފޯރިއަށް ބަދަލެއް އަތުވެއްޖެނަމަ މީގެ ނަންވެސް ރަމްޒުކުރާ ފަދައިން "ފުސްބަލްލީބާ" އިތުރުވާނެއެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024