ނ. މަނަދޫގައި، އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު، އެ ރަށު އަންނާރުމާގޭ، ނައީމާ މޫސާ މަރާލައިފައިވަނީ ސިހުރު ހަދާކަމުގެ ތުހުމަތުކޮށް ކަމަށާއި ނަމަވެސް އެ މަރުގެ މައްސަލައިގެ ތަހުގީގުގައި ނައިމާ ސިހުރު ހަދާ ކަމުގެ އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

އިސްކަންދަރު ކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެތު އެންޑް ހޯމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ ނައިމާގެ މަރުގެ މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންގެ މައްޗަށް ދައުވާކޮށް، މިހާރު ޝަރީއަތް ފެށިފައިވާ ކަމަށެވެ.

ސާމިހު ވިދާޅުވީ އެ މީހުން، ނައީމާ މަރައިލައިފައިވަނީ ރަށު ތެރޭގައި އޭނާ ސިހުރު ހަދާ ކަމަށް ވާހަކަ ދެކެވޭތީ، ކޮންމެވެސް ކަމެއްގެ ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ.

"ނައީމާ މޫސާއަކީ ސިހުރު ހަދާ މީހެއްކަން ތަހުގީގަށް އަދި މިހާތަނަށް ނެތޭ ފެނިފައެއް ނުވަތަ އެ ވަރުގެ ހެއްކެއް ނެތޭ އަޅުގަނޑުމެންނަށް ފެނިފައެއް. އެހެން ނަމަވެސް މޯޓިވް އަކީ އެއް މޯޓިވްއެއް. ކުރިން ވެސް ފާހަގަކުރި ގޮތަށް ނައީމާ މޫސާއަކީ ފަންޑިތަ ސިހުރު ހަދާ މީހެއްގެ ގޮތުގައި ބަޔަކަށް ގަބޫލުކުރެވިގެން އެކަމުގެ ބަދަލެއް ހިފުމުގެ ގޮތުން ކޮށްފައި އޮތް ކަމެއް." ސާމިހު ވިދާޅުވިއެވެ.

ނައީމާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި އެ ރަށުގެ ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ، އަހުޒަމް އަބްދުއްޝުކޫރު (23އ) އާއި ރިފާޝް އަބޫބަކުރު (21އ) ގެ އިތުރުން ހަސަން ފަވާޒު (21އ)އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ވިދާޅުވެފައިވަނީ އެ މައްސަލައިގައި ތުހުމަތުވާ މީހުންގެ އިތުރުން އެހެން ބައެއްގެ ބައިވެރިވުން އޮތްކަން ތަހުގީގަށް ފާހަގަ ކުރެވިފައިނުވާ ކަމަށެވެ. އަދި އެ ތިން މީހުންނާ ދެކޮޅަށް އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި ޑީއެންއޭ ހެކިތަކެއް ވެސް ހިމެނޭ ކަމަށް ޝަމީމު ވިދާޅުވެފައިވެއެވެ. އިތުރު ހެކިތައް ތަހުގީގު ހާމަކުރާނީ ޝަރީއަތުގައި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އަމިއްލަ ގޭގައި އެކަނި ދިރިއުޅެމުންދިޔަ ނައިމާ މަރާލާފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު، އޭނާގެ ހަބަރެއް ނުވެގެން އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެގޭ ކޮޓަރި ދޮރު ވައްޓާލައި، ކޮޓަރިއަށް ވަން އިރު ކޮޓަރި ތެރޭ ބިންމަތީގައި އޮއްވައެވެ. އޭނާގެ ހަށިގަނޑުން ގިނަ އަދި ފުން ޒަހަމްތަކެއް ހުރިކަން ވަނީ އެނގިފައެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި ނައީމާ މަރާލުމަށް އެ ގެއަށް ވަދެފައިވަނީ އަހުޒަމްއެވެ. ފާރައަށް ރިފާޝް ހުރި އިރު، އެ ދެ މީހުން އަރުވައިގެން ނައީމާ ގެއަށް ގެންގޮސްދިން ކާރު ދުއްވަން އިނީ ފަވާޒްކަން ވެސް އެނގިފައިވެއެވެ. ނައީމާއަށް ހަމަލާދިނުމަށް އަހުޒަމް އެ ގެއަށް ވަނީ ހެޒްމެޓް ސޫޓެއް ލައިގެންނެވެ. އޭނާ ވަނީ ނައީމާ ގަޔަށް ވަޅި ހެރީ އޭނާ ކަމަށް އިއުތިރާފުވެފައެވެ.

ފުލުހުން ވަނީ އަހުޒަމް ކުށަށް އިއުތިރާފުވެ، ދިން މައުލޫމާތުގެ އަލީގައި ނައީމާއަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ދެ ވަޅި އާއި އެ މީހުން ލައިގެން ތިބި އަންނައުނު އަންދާލުމަށްފަހު ވަޅުގަނޑަކަށް ލާފައި ހުއްޓައި ހޯދައިފައެވެ. މީގެ އިތުރުން އެ މީހުން ދުއްވި ކާރުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.