މަރާލާންވެފައި ހުރި މީހެއް ކަމަށް ބުނެ އަމިއްލަ މަންމައަށް އެކި އަނިޔާކުރި މީހަކު ހަ މަހަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުން ކުރި ރައްކާތެރި ކުރުމުގެ އަމުރަކާ ހިލާފް ވެގެން ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ ހ. ގާޑްން ބިއުޓީ އިބްރާހިމް އިކްރާމްގެ މައްޗަށެވެ.

ދައުލަތުން އޭނާގެ މައްޗަށް ދައުވާ ކުރީ، އޭނާގެ މަންމަ އާއިޝަތު ސައީދާއަށް އަނިޔާ ނުކުރުމަށާއި ބަހުގެ ހަމަލާ ނުދިނުމަށާއި ނަފްސާނީ ގޮތުން އަނިޔާ ނުކުރުމަށާއި މާލީ ގޮތުން ނުވަތަ އިގުތިސޯދީ ގޮތުން ދަތި ނުކުރުމަށާއި ބިރު ނުދެއްކުމަށާއި ގޯނާ ނުކުރުމަށާއި މުދަލަށް ގެއްލުން ނުދިނުމަށް ޖޫން 2022 ގައި ސިވިލް ކޯޓުން އޭނާގެ މައްޗަށް ކޮށްފައިވާ އަމުރާ ހިލާފު ވެގެންނެވެ.

މި މައްސަލައިގައި ކުރިމިނަލް ކޯޓުގައި ކުރި ދައުވާގައި ބުނެފައިވަނީ، ސިވިލް ކޯޓުގެ އަމުރާ ހިލާފުވެ 24 ފެބްރުއަރީ 2023 ވަނަ ދުވަހުން ފެށިގެން އެކި ދުވަސް މަތިން އެކި އަނިޔާތައް އޭނާގެ މައްމައަށް ކޮށްފައިވާ ކަމަށެވެ.

އެގޮތުން މަންމަ ނިދާކޮޓަރީގައި އޮއްވައި، "ތިއީ ޝައިތޯނެކޭ އަދި ޖަނަވާރެކޭ ބުނެ މަރާލަންވީ ކަމަށް ބުނެ ބިރުދައްކައި އޭނާގެ އަތުން މަންމަގެ ދެ އަތުގައި ތަޅައި އަނިޔާކޮށްފައިވާ ކަމަށާއި ގޭގެ ދޮރުމަތީގައި ހުރި ގޮނޑިއެއްގައި މަންމަ އިންދައި އެއްލި ލައިޓަރަކުން ޖެހި އަނިޔާ ވުމާއި އޭނާގެ ދެއަތުން މަންމަގެ ބޮލުގައި ތަޅާ އަނިޔާ ކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

އޭގެ އިތުުރުން މަންމަ ނިދާ ކޮޓަރީގައި އިންދައި ގޮސް އޭނާގެ އަތުގައި ފައިން ތަޅައި އަނިޔާ ކުރުމާއި އޭނާގެ މަންމައާ ދިމާލަށް 500 އެމްއެލްގެ ފެންފުޅިއެއް އެއްލުމުގެ ސަބަބުން މޭމަތީގައި ޖެހި އަނިޔާ ވުމާއި ދެފޫޓު ހުންނަވަރުގެ އެސްލޯން ހޮޅިބުރިއަކުން ތަޅައި ތަކުރާރުކޮށް ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ އަވަސް އަމުރާ ހިލާފެވަފައިވާ ކަމަށްވެސް ދައުލަތުން ބުނެފައިވެއެވެ.

މި ދައުވާއަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުމުން ދައުވާ ސާފުވެއްޖެ ކަމަށް ބުނެ ދައުވާގައި ބަޔާންކޮށްފައިވާ އެންމެހާ ކަންތައްތަަކަށް އިއުތިރާފުވާ ކަމަށް އިކްރާމް ވަނީ ބުނެފައެވެ. އަދި ދައުވާގައިވާ ގޮތަށް އެހާދިސާތައް ހިނގާފައިވާ ކަމަށާއި އެއީ އެއްވެސް ނުފޫޒެއް، މަޖުބޫރު ކަމެއް ނެތި ވާ އިއުތިރާފެއް ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އިކްރާމްގެ އިއުތިރާފުން، އެއީ ގާނޫނުގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ދައުވާއެއް ކަމަށް ކަނޑައަޅައި، މި ކުށުގެ އުގޫބާތެއްގެ ގޮތުން އިބްރާހިމް އިކްރާމް ހަ މަހުގެ މުއްދަތަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.