ބޮޑު ކަންނެލީގެ މަސްވެރިންނަށް ގެއްލުންވާ ގޮތަކަށް ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގެ ފުރުސަތު ސަރުކާރުން ނުދޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ލޭނު މަސްވެރިކަމަށް އަލުން ހުޅުވާލުމާ ދެކޮޅަށް ކަންނެލި މަސްވެރިން މިއަދު ވަނީ ހުޅުމާލެ ކަންނެލި ޖެޓީގައި މުޒާހަރާ ކުރުމަށްފަހު އެއް ނަންބަރު ޖެޓީގެ ބޭރުގައިވެސް މުޒާހަރާކޮށްފައެވެ. މުޒާހަރާކުރާ މަސްވެރިން ބުނީ ސަރުކާރުން މަސްވެރިންނަށްވީ އެއްވެސް ވައުދެއް ފުއްދަން މަސައްކަތް ކުރަމުން ނުދާ ކަމަށާއި ކަންނެލި މަސްވެރިކަމުގައި ލޭނު އެޅުމާ މަސްވެރިން ދެކޮޅު ކަމަށެވެ.

މަސްވެރިންނާ ވާހަކަދެއްކެވުމަށް ދޯންޏަކަށް އަރައި ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގެ ވަރަށް ގިނަ ދާއިރާތަކުން ދައުލަތަށް އާމްދަނީ ހޯދައި ރައްޔިތުންގެ ދިރިއުޅުން ތަނަވަސް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ލޭނުގެ މަސްވެރިކަމުގެ ކަންކަމާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓްރީން އިސްނަގައިގެން އެކިއެކި ފަރާތްތަކާ މަޝްވަރާ ކޮށްފައިވާ ކަމަށާއި އެ މަޝްވަރާތަކުގައި ލޭނުގެ މަސްވެރިކަމުގެ ސަބަބުން ދިމާވާނެ ގެއްލުމާއި ފައިދާތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.

"ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކަށް އޭގެ އެންމެ ބޮޑު އަސަރެއް ކުރާ ކަމަށްވަންޏާ ކަންނެލި މަސްވެރިންގެ މަސްލަހަތު ހިމާޔަތް ނުކުރެވޭ ގޮތަށް ނޫނީ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެކަހަލަ އެއްވެސް ކަމެއް ނުހިނގާނެ" ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މަސްވެރިކަމާ ގުޅުން ހުރި ކަންކަން ނިންމާނީ މަސްވެރިންގެ ހިޔާލު ހޯދުމަށްފަހު ކަމަށާއި އަމިއްލަ އަމިއްލައަށް ކަންކަން ނުނިންމަވާނެ ކަމަށެވެ. އަދި ދައުލަތަކުން ބަލަންޖެހެނީ އެއްބަޔަކު ނުވަތަ ދެބަޔަކަށް ނޫން ކަމަށާއި ދައުލަތައް އާމްދަނީ އިތުރު ކުރެވެން ހުރި ކަންކަން ދައުލަތުން ކުރާނެ ކަމަށް ވިދާޅުވިއެވެ.