ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ޕީއެސްއެމް އިން އިސްނަގައިގެން މީޑިއާތަކާ ގުޅިގެން ކުރިއަށް ގެންދާ "ފަލަސްތީނާއެކު ދިވެހީން" ޓެލެތޯނަށް އެމްއެންޑީއެފް އިން ދެ މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ.

ޕީއެސްއެމް ސްޓޫޑިއޯގައި މިއަދު ބޭއްވި ހަފުލާއެއްގައި އެމްއެންޑީއެފްގެ ފަރާތުން އެ ފައިސާގެ އެހީ ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއެވެ. ހިލްމީގެ އަރިހުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަހްމަދު އިޔާޒުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

"ފަލަސްތީނާއެކު ދިވެހީން" ޓެލެތޯނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް މިއަދުގެ މިއަދު ހެނދުނު އަށަކުން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ ޓެލެތޯނެކެވެ.

ފަލަސްތީނަށް އެހީވުމަށް ކުރިއަށްގެންދާ ޓެލެތޯނުގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮށި ބަހައްޓާފައިވާއިރު، އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިފައެވެ. އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާ އިން ނަމަ، 7730000655865 އަދި ޑޮލަރުން ނަމަ 7730000655866 އެކައުންޓަށެވެ.