ރާއްޖޭން ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށްޓަކައި ކުރިއަށް ގެންދާ ހާއްސަ ޓެލެތޯނު މިއަދު ފަށައިފިއެވެ.

މީޑިއާތަކާ ގުޅިގެން ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އިން މިއަދު ހެނދުނު 8:00 ގައި ފެށި ތެލެތޯން މިރޭ 12:00 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.

މި ޓެލްތޯން ފެށުކާ އެކު މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ދައުލަތުގެ މިނިސްޓަރުން ވަނީ ފަންޑު ފޮށްޓަށް ފައިސާ ހަދިޔާ ކުރައްވައިފައެވެ.

މި ޓެލެތޯން ފެށުމުގެ ގޮތުން ޕީއެސްއެމްގައި ބޭއްވި ރައްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ، މި ޓެލެތޯނުގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮށި ބަހައްޓާފައިވާ ކަމަށެވެ،

އެ ފޮށިތަކުގެ ތެރެއިން ޓީވީއެމް ގޯތި ތެރޭގައި ހުރި ފަންޑު ފޮށި ފިޔަވައި އެހެން ހުރިހާ ފޮށްޓެއް އިރުއޮއްސެންދެން ހުންނާނެ ކަމަށާއި ޓީވީއެމް ގޯތިތެރޭގައި ހުރި ފަންޑު ފޮށި މިރޭ 10:00 އާ ހަމައަށް ހުޅުވާފައި ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ފަންޑު ފޮށިތަކުގެ ރައްކާތެރިކަމަށްޓަކައި ފޮށިތައް ހުންނަ ސަރަހައްދުތަކުގައި ފުލުހުންނާއި ގާލް ގައިޑް އަދި ސްކައުޓުން ހަރަކާތްތެރިވާނެ ކަމަށްވެސް ވިދާޅުވިއެވެ،

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްދާ މިޓެލެތޯންގައި ހުރިހާ އެންމެން ބައިވެރިވުމަށް ޒީނާ އެދިވަޑައިގެންނެވިއެވެ.

ޒީނާ ވިދާޅުވީ މި ޓެލެތޯނަށް އެހީވުމަށް އެކި ރަށްރަށުގައި ކައުންސިލްތަކާއި ޖަމިއްޔާތަކާ ގުޅިގެން ވެސް ހަރަކާތްތައް ކުރިއަށްގެންދާ ކަމަށެވެ. އަދި މިނިސްޓްރީތަކުން މިނިސްޓްރީ ލެވެލްގައި ކުންފުނިތަަކުން ކުންފުނިތަކުލެ ލެވެލްގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންތައް ކުރިއަށް ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިއީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ހަރަކާތެއް ކަމަށާއި މި ޓެލެތޯންގެ ފަންޑު ރައިޒިން ހަރަކާތްތައް ކުރިއަށްދާ ގޮތާއި ލިބޭ ފައިސާއިން ފަލަސްތީނަށް އެހީވުމަށް ކުރެވޭ މަސައްކަތްތައް ދެފުއް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް މިނިވަން އޮޑިޓަރެއްގެ ގޮތުގައި ކްރޯ މޯލްޑިވްސް ހަމަޖައްސާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޒީނާ ވިދާޅުވީ މި ޓެލެތޯނުން ލިބޭ ފައިސާ ފަލަސްތީނަށް ފޯރުކޮށް ދިނުމަށްޓަކައި، އެންމެ ފުރަތަމަ ހަވާލު ކުރާނީ ފޮރިން މިނިސްޓްރީއަށް ކަމަށެވެ. އެ އަށްފަހު ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް، އަންރުއާ މެދުވެރިކޮށް މި ފައިސާ ފަލަސްތީނަށް ފޯރުކޮށްދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ޒީނާ ވިދާޅުވީ މި ހަރަކާތް މެދުވެރިކޮށް ނަމޫނާ އަދަދަކަށް ފައިސާ އެއްކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

މިޓެލެތޯންގައި ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށްވެސް ފަސޭހައިން އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ދެ އެކައުންޓެއް ވަނީ ހުޅުވައިފައެވެ. އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިންނަމަ، 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.

މިޓެލެތޯނާ ގުޅުވައިގެން މިއަދު ހަވީރު ޓީވީއެމް ގޯތިތެރޭގައި ކުޑަކުދިންގެ ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ފޭސް ޕެއިންޓިން އަދި ކުރެހުމާއި ކުލަ ޖެއްސުން ފަދަ ހަރަކާތްތައް ކުރިއަށްދާނެއެވެ.

ޒީނާ ވިދާޅުވީ، މި ޓެލެތޯނުން ދިވެހި ރައްޔިތުން ފަލަސްތީނަށް އެހީވެދިނުމަށް ދައްކަމުންދާ ނަމޫނާ އިތުރަަށް ފެނިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.