ހާޖީންނަށް ގަދަރު ކުޑަވާ ގޮތަށް ދޮގު ވާހަކަތައް ނުފެތުރުމަށާއި އެއީ ސިޔާސީ ކަމަކަށް ނުހެދުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިލްތިމާސްކުރައްވައިފިއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ ފޯރުންތެރިކަން ލިބިފައިނުވާ މީހުން ހައްޖަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުގެ ދަށުން ފުރަތަމަ 50 މީހުން މިއަހަރުގެ ހައްޖުގެ އަޅުކަމަށް ފުރި އިރު، އޭގެ ތެރޭގައި ފަގީރު ނޫން މީހަކު ހިމެނޭ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ފުރައިވަޑައިގެންނެވުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ މިފަހަރަކީ ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ފަގީރުންގެ ގައުމީ ދަފުތަރުގެ ތެރެއިން ގުރުއަތުން އިހުތިޔާރު ކުރެވިގެން ހައްޖަށް މީހުން ފޮނުވާ ފަހަރު ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އެއްވެސް މީހަކު ހައްޖަށް ފޮނުވާފައިނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ހައްޖުގެ އަޅުކަމާއި ސިޔާސީ ކަންކަމާއި އަޅުވާ ކިޔައި ވާހަކަތައް ނުފެތުރުމަށް އެދެެން. ހުރިހާ ޒަމާނެއްގައިވެސް ހާއްސަ ހާލަތްތަކުގައި ރާއްޖެއަށް ހާއްސަކޮށް 50 ނުވަތަ 70 ހައްޖު ޖާގަ އޮވޭ. މިކަމާ ބެހޭގޮތުން ވެސް އެކިއެކި ވާހަކަތައް ދެކެވޭ. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ކުރާކަމެއް އެއީ ސަރުކާރުގެ ފަރާތުން ހައްޖަށް ފޮނުވުމަކީ. ރާއްޖޭގައި 30 އަހަރުގެ ވެރިކަމެއް ކުރި ހަމައެކަނި ރައީސް، ކުރީގެ ރައީސުލްހުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައިވެސް ކޮންމެ އަހަރަކު 40 މީހުން ހައްޖަށް ފޮނުވާ،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ކޯޓާއަށް ފައިސާ ދައްކާފައި ތިބި މީހުން ފަހަތަށް ޖައްސާލާފައި ވަކި ބަޔަކު ފޮނުވަނީތޯ ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭ ކަމަށާއި ނަމަވެސް އެއީ އެކަން ހިނގާ ގޮތް ނޫން ކަމަށެވެ. އަދި މިއީ އަޅުކަމާ ގުޅޭ ކަމެއްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އެމީހުންގެ އާއިލާތަކާއި އެ ފަރާތްތަކަށް ލިބެމުންދާ އުފާވެރިކަން ނިގުޅައިގަތުމަށް އަޅުގަނޑުމެން މަސަައްކަތްކޮށްގެން ނުވާނެ. މީހަކަށް ހައްޖުކުރުމުގެ ނަސީބުގެ ފުރުސަތު ލިބުމަކީ މާތްﷲ މި ދުނިޔޭގައި މުސްލިމަކަށް ދެއްވާނެ ވަރަށް ނަސީބުގަދަ މަަތިވެރި އުފަލެއް،" މިނިސްޓަރު ވިދާޅުވިއެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ސަރުކާރުން ހައްޖަށް ފޮނުވި 50 މީހުންނަށް ހޭދަކުރި ފައިސާއަކީ ޝައްކުކުރެވޭ ވަރުގެ އަދި އެމީހުންގެ ހިތުގައި ކުރެވޭ އަޅުކަމާއި އަމިއްލަ ނަފްސު ސުވާލު އުފައްދާ ވަރުގެ ކަމެއްގެ ގޮތުގައި ހަދައިގެން ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެއްވެސް މީހަކާ ގުޅޭގޮތުން ނޭދެވޭ ވާހަކަތައް ދައްކައިގެން ނުވާނެ. ރާއްޖޭގެ ފަގީރުންގެ ދަފުތަރަކީ ވަރަށް އިތުބާރު ހުރި ދަފުތަރެއް. އޭގެ އިތުބާރު ނަގާލަން މަސައްކަތްކޮށްގެން ނުވާނެ. ރާއްޖޭގެ ވިޔަފާރިވެރިންގެ ޒަކާތުގެ ފައިސާއަކީ އަމާނާތެއް. އެއީ އިސްލާމީ މިނިސްޓްރީގެ ދަށުން ވަކި ހާއްސަ އިދާރާއެއް ގާއިމުކުރެވިގެން، ވަރަށް އަމާނާތްތެރިކަމާއެކު ބަހަަލައްޓާ ދަފްތަރެެއް،" ޝަހީމް ވިދާޅުވިއެވެ.

ކޮވިޑުގެ ދުވަސްވަރު މުޅި ދުނިޔެއަށް ޖެހުނު ބަލިމަޑުކަމުގެ އަސަރު ރާއްޖޭގެ އެންމެ މަތީ ފަންތީން ފެށިގެން ދަށްފަންތީގެ މީހުންނަށްވެސް ކުރިކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ އޭގެ ތެރެއިން ދިމާވި ދަތިކަމުގެ ސަބަބުން ފަގީރުންގެ ގައުމީ ދަފުތަރުގައި ނަން ލިސްޓު ކުރި މީހުން ވެސް އެބަތިބި ކަމަށެވެ.

"މިނިސްޓަރު ބޭނުންވާ ގޮތަކަށް، ސްޓޭޓް މިނިސްޓަރު ބޭނުންވާ ގޮތަކަށް އޭގެ ދަފްތަރާ ކުޅެ، އޭގެ ފައިސާ ހަރަދުކުރާނެ ވަކިގޮތެއް ކަނޑައެޅެން އޮންނަ އެއްޗެއް ނޫން އެއީ. ދައުލަތުގެ ވަކި ހާއްސަ ކައުންސިލެއް އޮވޭ ޒަކާތުގެ ކަންކަން ބެލެހެއްޓުމަށް،" ޝަހީމް ވިދާޅުވިއެވެ.

އެ ފަންޑުގައި ދަފުތަރުވެފައި ތިބޭ މީހުންގެ ހުރިހާ މައުލޫމާތެއް ފިނޭންސް މިނިސްޓްރީ އާއި، ހޯމް މިނިސްޓްރީ އަދި ރާއްޖޭގެ ކޯޓުގެ ނިޒާމުގެ އިދާރާތަކުން މަންދޫބުން ތިބެގެން ކޮންމެ މައްސަލައެއް ވަކިވަކިން ދިރާސާކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"50 ހާޖީންނަށް ހަރަދުކުރީ ޒަކާތު ފަންޑަކުން ނޫން. ޒަކާތު ފަންޑުން ފީސަބީލިﷲ އަށް ހައްޖަށް މީހެއް ފޮނުވަން އެދުމަކީވެސް ޝަރުއީގޮތުން އެއްވެސް މައްސަލައެއް ނޫން. އެހެންނަމަވެސް މިހާރު މި ދެކެވޭ ވާހަކަތަކުން ދަންނަވާނީ ސީދާ ފިނޭންސް މިނިސްޓްރީގެ ބަޖެޓުންނޭ މިކަމަށް ހަރަދުކުރީ،" ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ހައްޖު ކޯޕަރޭޝަނުގެ ކިޔު ސިސްޓަމާ އެ ކޯޕަރޭޝަނުން ނުކުޅޭނެ ކަމަށާއި އިސްލާމިކް މިނިސްޓްރީންވެސް ނުކުޅެވޭނެ ކަމަށެވެ. އަދި އެއީ އެގޮތަށް ކުޅެވެން އޮތް ސިސްޓަމެއް ނޫން ކަމަށް ވިދާޅުވިއެވެ.