މިދިޔަ ސީޒަނުގައި ބަޔާން މިއުނިކްގެ ކޯޗުކަމުގައި ހުރި ތޯމަސް ޓުޗެލް، މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމަށް ޝައުގުވެރި ނުވާ ކަމަށް އޭނާ ބުނެފިއެވެ.

ޔުނައިޓެޑްގައި މިދިޔަ ދެ ސީޒަނުގައިވެސް ހުރި ކޯޗު އެރިކް ޓެން ހާގު ކްލަބުގައި ބަހައްޓާނީތޯ ނޫނީ ފޮނުވާލާނީތޯ ބެލުމަށް އެ ކްލަބުގެ ޓެކްނިކަލް ޓީމާއި މެނޭޖުމަންޓުން ދަނީ ރިވިއުއެއްގެ މަސައްކަތް ކުރަމުންނެވެ. އެ ރިވިއުގެ މަސައްކަތް އަދި ނިމިފައި ނުވާ އިރު، އެޓީމުން ޓެން ހާގުގެ ބަދަލުގައި ގެންދާނެ ކޯޗުންވެސް ޝޯޓްލިސްޓް ކުރަމުންދާ ކަމަށް ބައެއް މީޑިއާތައް ބުނެއެވެ.

އޭގެ ތެރެއިން އެއް ކޯޗަކީ ކުރިން ޗެލްސީއާއެކު ޗެމްޕިއަންސް ލީގު ހޯދި ޓުޗެލް ކަމަށްވެސް އިތުބާރު ނޫސްތަކުން ވަނީ ބުނެފައެވެ. އަދި ޓުޗެލްއާއި ޔުނައިޓެޑްގެ ކޯ އޯނަރު، ސާ ޖިމް ރެޓްކްލިފާ ފްރާންސްގައި ބައްދަލުކުރި ކަމަށްވެސް އިތުބާރު ނޫސްތަކުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް، އުމުރުން 50 އަހަރުގެ ޓުޗެލް ބުނީ އޭނާ މިވަގުތު ބޭނުންވަނީ ފުޓުބޯޅައިން ދުރުވެލައި، ބްރޭކެއް ނަގަން ކަމަށެވެ. އަދި އޭނާ ވަނީ ފާޅުގައި ޔުނައިޓެޑްގެ ކޯޗުކަން ބޭނުން ނުވާ ކަމަށް ބައެއް މީޑިއާތަކަށް ބުނެފައެވެ.

ޓުޗެލްއަކީ ޖަރުމަނަށް އުފަން ކާމިޔާބު ކޯޗެކެވެ. އޭނާ މިދިޔަ ސީޒަނުގައި ބަޔާނާއެކު ހުސް އަތާ ނިންމާލި ނަމަވެސް، އޭގެ ކުރިން ޑޯޓްމަންޑާއި ޕީއެސްޖީގައިވެސް ކާމިޔާބީތައް ހޯދިއެވެ. އަދި ޗެލްސީގައި ހޭދަކުރި މަދު ދުވަސްތައްވެސް ފެނުނީ ކާމިޔާބުކޮށެވެ.

ޔުނައިޓެޑުން ޓުޗެލްގެ އިތުރުން ބައެއް ކޯޗުންނަށް ބަލަމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފައިވެއެވެ. އެގޮތުން އެޓީމުން ބަލަމުންދާ ކޯޗުންގެ ލިސްޓުގައި މިދިޔަ ސީޒަނުގައި ޗެލްސީގައި ހުރި މައުރީޝިއޯ ޕޮޗެޓީނޯއާއި ބްރެންޓްފޯޑުގެ ކޯޗު ތޯމަސް ފްރޭންކް އަދި ކުރިން ޗެލްސީއާއި ބްރައިޓަންގެ ކޯޗަކަށް ހުރި ގްރަހަމް ޕޮޓާ ހިމެނެއެވެ.