އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން އެޓާނީ ޖެނެރަލް އަހުމަދު އުޝާމަށް މަޖިލީހުން ރުހުން ދިފިއެވެ.

މި ތިން ބޭފުޅުންނަކީ ރައީސް މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ 22 މެންބަރުންގެ ތެރެއިން އެމްޑީގެ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން ބޭފުޅުންނެވެ. ނަމަވެސް ރައީސުލްޖުމްހޫރއިްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަ އެދުވަހު އެ ބޭފުޅުން އަލުން ހަމަ އެ މަގާމުތަކަށް އައްޔަން ކުރެއްވުމަށްފަހު ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވިއެވެ.

އޭރު އެ މައްސަލަ އޮތީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ނަގުލުވެފައެވެ.

ތިން ވަޒީރުންނަށް ރުހުން އޮތްތޯ ބެލުމަށް ވަކިވަކިން މިއަދު ނެގި ވޯޓުގައި ޝަހީމާއި އުޝާމަށް ރުހުން އޮތް ކަމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. ރުހުން ނެތް ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވައިފައެއް ނުވެއެވެ.

ނަމަވެސް، ހައިދަރަށް ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި އެމްޑީޕީގެ ތިން މެންބަރަކު ވަނީ އޭނާއާ ދެކޮޅަށް ވޯޓު ދެއްވައިފައެވެ.