އއ. ތޮއްޑޫ ކައުންސިލް އިދާރާގެ ފުރާޅަށް ގާ އުކައި، ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން އަށް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މީހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.

އއ. ތޮއްޑޫގެ ދަނޑުބިންތައް ދަނޑުވެރިން އަތުން އަތުލަން ނިންމާފައިވާ ކަމަށް ބުނެ އެ ރަށު ކައުންސިލު ކުރިމައްޗަށް އާންމުން އެއްވެ، މުޒާހަރާކޮށް، ހަމަނުޖެހުން ހިންގީ މިދިޔަ ބުދަ ދުވަހުއެވެ. އެ ހަމަނުޖެހުމުގައި ފުލުހަކަށް އަނިޔާވެސް ވިއެވެ.

ފުލުހުން ބުނި ގޮތުގައި، މުޒާހަރާ ކުރި މީހުންގެ ތެރެއިން ބައެއް މީހުން ކައުންސިލު އިދާރާއަށް ގާ އުކުމުގެ ސަބަބުން އެ އިދާރާގެ ދޮރުގެ ބިއްލޫރިތައް ތެޅި ބައެއް ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މުޒާހަރާކޮށްފައި ވަނީ ތޮއްޑޫ ގޮއިބިން ހިމެނޭ ސަރަހައްދުން ދަނޑުވެރިކަން ކުރަން ދިން މުއްދަތު ހަމަވެ، ތިން މަސް ވީ އިރުވެސް ކައުންސިލުން އެ ބިންތައް ދޫކޮށްފައި ނުވާތީއެވެ. ގޮއިބިން ހިމެނޭ ސަރަހައްދަކީ ތޮއްޑޫގެ ތިންބައިކުޅަ އެއްބައެވެ. އެއީ ބިންގަނޑު ރަނގަޅު ސަރަހައްދެކެވެ.