ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓު ދިނުމުގެ ކަންތައްތަކުގައި އިސްކޮށް މަސައްކަތް ކުރި ކޮމެޓީގައި ހިމެނިވަޑައިގެންނެވި ބޭފުޅުންގެ ގެތަކަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ވަދެއްޖެއެވެ.

އޭސީސީގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ އޭސީސީން ބަލައި ފާސް ކުރަމުންދަނީ 4،000 ފްލެޓްގެ މައްސަލައާ ގުޅުންހުރި ތަންތަން ކަމަށާއި އެތަންތަން ބަލައި ފާސްކުރަމުންދަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

" 4000 ފްލެޓް މައްސަލައިގައި އަޅުގަނޑުމެންނަށް ސަސްޕެކްޓް ކުރެވޭ މީސް މީހުންގެ ގެތަކެއް ބަލައި ފާސްކުރަން މިއަދު ފަށައިފި. އެއީ ކޮންބޭފުޅުންނެއް ކަމެއް ހާމަ ކުރެވެން ނެތް،" އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ގެތަށް ބަލައި ފާސް ކުރުމުގެ ކަންކަން މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީން ބަލަމުންދަނީ ހަތަރު މެންބަރެއްގެ ގެއެވެ. އެއީ އެއިރުގެ ހައުސިންގެ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަދި ފްލެޓު ކޮމިޓީގެ ޗެއާމަން އަކްރަމް ކަމާލުއްދީނާއި ކުރީގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފާއި އަހުމަދު ވިސާން ނަސީމް އަދި ލިރުއަމް ވަހީދު ދިރިއުޅުއްވާ ތަންތަނެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިއުލާން ކުރި 4000 ފުލެޓް ދިނުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް އެކަން ހުއްޓުވީ ވެސް އޭސީސީންނެވެ. އެއީ ފްލެޓަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި ނުފޫޒުގެ ބޭނުން ކޮށްފައިވާ ކަމަށް ކުރި ތުހުމަތު ތަކަކާ ގުޅިގެންނެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިއުލާން ކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓާ ގުޅޭ ގޮތުން ކުރި ތަހުގީގަށް ފަހު އޭސީސީން ހާމަ ކުރި ގޮތުގައި ދާއިމީ ލިސްޓަށް 20،000 އަށްވުރެ ގިނަ ޝަކުވާ ހުށަހެޅިއެވެ.

އޭގެ ތެރެއިން އެއްވެސް މައްސަލައެއް ނެތް ފޯމުތަކުގެ ނިސްބަތަކީ 20.7 ޕަސަންޓެވެ. ޝަރުތު ފުރިހަމަވީީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތަކީ 19.7 ޕަސަންޓެވެ. އެއީ ގާތްގަނޑަށް 1،600 ފްލެޓެވެ. އަދި 59.6 ޕަސެންޓް ފޯމު ޝަރުތު ހަމަނުވާ ކަމަށާއި އެއީ ގާތްގަނޑަކަށް 2،400 ފްލެޓް ކަމަށް އޭސީސީން މީގެ ކުރިން ހާމަކޮށްފައިވެއެވެ.

  • 4000 ފްލެޓު ލިބޭ މީހުންގެ ތެރޭގައި ޝަރުތު ފުރިހަމަނުވާ ގިނަ މީހުން ހިމަނާފައިވުން
  • ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބަޔަށް އުސޫލާ ހިލާފަށް ޕޮއިންޓް ދީފައިވުން
  • ޝަކުވާގެ މުއްދަތުގައި އާ ލިޔެކިޔުން ހުށަހެޅި
  • ޕޮއިންޓު ދިނުމުގެ އިތުރަށް ޕޮއިންޓު ދީފައިވުން
  • ގިނަ ފަރާތްތަކެއް ހައްގު ގެއްލުމުގެ އިހުމާލު އޮތްކަން