އިޒްރޭލު ރައްޔިތުން ރާއްޖެ އަޔަނުދިނުމަށްޓަކައި، އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމުގެ ގޮތުން ގާނޫނަށް އިސްލާހު ގެނައުމަށް އެމްޑީޕީގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ބިލް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވަން ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލަށް ކުރިއަށް ގެންދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، މި ބިލްކީ ވަރަށް މުހިއްމު ބިލެއް ކަމަށެވެ.

ފަލާހު ވިދާޅުވީ، ފަހަކަށް އައިސް ފަލަސްތީނު ރައްޔިތުނަށް އެންމެ ބޮޑަށް އަނިޔާ ލިބެމުންދިޔަ ދުވަސްވަރަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ކަމަށެވެ. އޭރު ރާއްޖޭގެ ވެރިކަމުގައި ހުންނެވީ އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި ރައީސްގެ ގަރާރަކުންވެސް އޭރު އިސްރާއީލް ޕާސްޕޯޓް މަނާކުރެވުނީސް ކަމަށެވެ. އަދި އެމްޑީޕީގެ ބޮޑު އަގުލަބިއްޔަތެއް އޮތް ރައްޔިތުންގެ މަޖިލީހަށް މި ބިލް ހުށަހަޅުއްވައި ދުވަހުން ދުވަހަށް ނިންމުނީސް ކަމަށްވެސް ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ، އެ ބިލުގެ މަސައްކަތަކީ، އިހުލާސްތެރިކޮށް ކުރެވޭ މަސައްކަތަކަށްވާ ނަމަ، އެކަމުގައި އެއްބާރުލުން ދެއްވާނެ ކަަމަށެވެ. އެހެންކަމުން އެކަން ސަރުކާރާއި ރައްޔިތުން ބޭނުންވާ ގޮތަށް އަވަހަށް ނިންމުމަށް 241 ކޮމިޓީއަށް ފޮނުވަން ހުށަހަޅުއްވާ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.