އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން އެޓާނީ ޖެނެރަލް އަހުމަދު އުޝާމަށް ރުހުން ދިނުން މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިރޭ ވަނީ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާ އާންމުކޮށްފައެވެ. އެޖެންޑާގައިވާ ގޮތުން ވަޒީރުންނަށް ރުހުން ދިނުމަށް އެޖެންޑާ ކޮށްފައިވަނީ ހަ ވަނައަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ އެ ތިން މިނިސްޓަރުންނަށް ރުހުން ދިނުމަށް ކޮމިޓީގެ އަގުލަބިއްޔަތުން ފާސްކޮށްފައެވެ. އެ ކޮމިޓީގައި 11 މެންބަރަކު ހިމެނިވަޑައިގަންނަވާ އިރު، ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ނުވަ މެންބަރުންނެވެ. ނުވަ މެންބަރުންގެ ތެރެއިން، އެ ތިން މިނިސްޓަރުންނަށް ރުހުން ނުދޭން ފެންނަ ކަމަށް ވޯޓު ދީފައިވަނީ އެންމެ މެންބަރެކެވެ.

ކޮމިޓީގެ މުގައްރިރު ވޯޓު ދިން ގޮތް ތަފުސީލު ކޮށްދެއްވައިފައެއް ނުވެއެވެ. ކޮމިޓީން އެ ތިން މެންބަރުންނަށް ރުހުން ދިނުމަށް ފާސްކުރުމުން، ދެން އެ މައްސަލަ ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ.

ތިން މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފައިވަނީ މިމަހުގެ ތިންވަނަ ދުވަހުގައެވެ.

އެ ތިން މިނިސްޓަރުންނަކީ މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން މިނިސްޓަރުންނެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރުހުން ނުލިބުނު ނަމަވެސް، އެ ތިން މެންބަރުން އަލުން ހަމަ އެބޭފުޅުން ތިއްބެވި މަގާމުތަކަށް އައްޔަންކުރައްވައިފައެވެ.

އެއަށްފަހު އެބޭފުޅުންނަށް މަޖިލީހުގެ ރުހުން ހޯއްދެވުމުގެ މައްސަލަ މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އަލުން ފޮނުއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިމަހުގެ ތިންވަނަ ދުވަހު ބޭއްވި ޖަލްސާގައި، އެކަމަށްޓަކައި ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅު އަމީން އާއްމު މަޖިލީހަށް އިއްވެވުމުން، މަޖިލިސް ރައީސް އަބުދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ ދިރާސާކުރެއްވުމަށް މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާލުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވިކަން އިއުލާން ކުރައްވައިފައެވެ.