އިޒްރޭލު ރައްޔިތުން ރާއްޖެ އަޔަނުދިނުމަށްޓަކައި، އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމުގެ ގޮތުން ގާނޫނަށް އިސްލާހު ގެނައުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ބަހުސް ފަށާނެއެވެ.
އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ގޮތުން މީކާއީލް އިސްލާހު ހުށަހަޅުއްވާފައި ވަނީ "ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނު" އަށެވެ.
މީކާއީލް އިސްލާހު ހުށަހަޅުއްވާފައި ވަނީ އިމިގްރޭޝަންގެ ގާނޫނުގެ އަށް ވަނަ މާއްދާއަށެވެ.
އެ މާއްދާއަކީ "ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުން" ބަޔާންކުރާ މާއްދާއެވެ. އެ މާއްދާގައި ވަނީ ރާއްޖެއަށް އެތެރެ ނުވެވޭނެ ހަތް ކެޓަގަރީއެއްގެ ބަޔަކު ކަނޑައަޅައިފައެވެ. މީކާއީލް އިސްލާހު ހުށަހެޅުއްވީ އަށް ވަނަ މާއްދާގެ ހަތް ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކޮށް އެ ކެޓަގަރީގައި އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ މީހުން ހިމެނުމަށެވެ.
މީކާއީލް ވިދާޅުވީ އެ އިސްލާހުގެ ހުށަހެޅުމުގެ ބޭނުމަކީ އިޒްރޭލުން، ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ރާއްޖެއިން ފިޔަވަޅު އެޅުމެވެ. އަދި ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށް ސަރުކާރަށް ގޮވާލާ 19 ވަނަ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވީ ނަމަވެސް، ސަރުކާރުން މިހާތަނަށް އެކަމުގައި އަމަލުކުރާނެ ގޮތެއް ސާފުކޮށްދީފައި ނުވާތީ، އެކަން ކުރެވޭނެ ވަކި މުއްދަތެއް ވެސް ނޭނގޭތީ، ސީދާ ގާނޫނަށް ގެންނަ ބަދަލުން އިސްވެ ބަޔާންކުރާ ފިޔަވަޅު އެޅުން އަވަސްކުރުމުގެ ގޮތުން ކަމަށް މީކާއީލް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގެ ފުރަތަމަ ކަމަށް އެޖެންޑާ ކޮށްފައި އޮތީ އެ އިސްލާހު ގާނޫނަށް ގެނައުމާ މެދު ބަހުސް ކުރުމަށެވެ.
ގާނޫނަށް މި އިސްލާހު ހުށަހަޅާފައި ވަނިކޮށް، އިޒްރޭލު މީހުން ރާއްޖެއަށް އައުން މަނާކުރުމަށްޓަކައި ގާނޫނު އިސްލާހު ކުރަން ޖުލައި މަހުގެ ދެވަނަ ދުވަހު ކެބިނެޓުން ވަނީ ނިންމައިފައެވެ.
އެކަމަށްޓަކައި ރައީސް އޮފީހުގައި އެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ފަލަސްތީނަށް އަވަސް ހައްލެއް ގެނެސްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކެބިނެޓުގައި މަޝްވަރާކޮށް މުހިއްމު ކަންތައްތަކެއް މިހާރު ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އެ ދުވަހު ބޭއްވި ކެބިނެޓުގެ ބައްދަލުވުމުގައި އިޒްރޭލުގެ މީހުން ރާއްޖެ އެތެރެވިޔަ ނުދިނުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. އެހެންވެ، އެ ކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވައިލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
- ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން
- ހާރިޖީ ވަޒީރު މޫސާ ޒަމީރު
- އެޓާނީ ޖެނެރަލް އަހުމަދު އުޝާމް
- އިގުތިސޯދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު
- ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް
- އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވެފައިވަނީ، މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް އޮތުމުން އިޒްރޭލު ޕާސްޕޯޓް މަނާކުރަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް އަވަހަށް ގެނެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ރައީސް ބޭނުންފުޅުވަނީވެސް ވީހާވެސް އަވަހަކަށް އެ މައްސަލައަށް ހައްލެއް ލިބުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު