މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާންގެ މައްޗަށް ދައުލަތުން ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާ އަދި ރިޝްވަތު ހިފުމުގެ ދެ ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.
ދައުލަތުން ނިހާންގެ މައްޗަށް އެ ދައުވާތައް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އެ ހުރިހާ ދައުވާތަކެއް ކުރިމިނަލް ކޯޓުން ކުރިއަށް ގެންދަނީ އެއް ފަހަރާއެވެ. އެންމެ ފަހުން އެ މައްސަލައިގައި ބޭއްވި އަޑުއެހުމުގައި ޝަރީއަތުން ވަނީ އިފްތިތާހީ ބަޔާން ހުށަހަޅަން ނިހާނަށް އިތުރު ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ. އެއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 23 ގައި ބޭއްވި އަޑުއެހުމެކެވެ. އެ ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވައިފައެއް ނުވެއެވެ.
ޕީޖީ އޮފީހުން މިދިޔަ ހޯމަ ދުވަހު ބުނެފައިވަނީ ނިހާންގެ މައްޗަށް ކުރާ ދައުވާތައް އަލުން މުރާޖައާ ކުރުމަށްފަހު، އެ ދައުވާތައް ކުރިއަށް ނުގެންދަން ނިންމައިފައިވާ ކަމަށެވެ. ދައުވާތައް ކުރިއަށް ނުގެންދަން ނިންމީ 2021 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައިގެ ހުކުމަށް ރިއާޔަތްކޮށް ބެލި އިރު، ނިހާންގެ މައްޗަށް އެ ދައުވާ ސާބިތުވާނެ ކަމަށް ނުބެލެވޭތީ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވަނީ ނިހާން ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ހުންނެވި އިރު، އޭނާގެ މަގާމުގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުގާބިލުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާތު ރިޝްވަތަށް އެދި، އަދި އަދީބު ދީފައިވާ ރިޝްވަތު ހިފައި ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.
ޕީޖީން ބުނެފައިވަނީ، ނިހާން މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަދީބު މެދުވެރިވެގެން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ، އެ ފައިސާ އާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސް އިން ފްލެޓެއް ގަނެފައިވާ ކަމަށެވެ.
އޭގެ އިތުރުން 2014 ވަނަ އަހަރު ޕީޖީގެ މަގާމަށް މީހަކު އައްޔަން ކުރުމަށާއި ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަން ކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑުގެ ގަޑިއެއް ދިނުމަށް އަދީބު ގާތުގައި އެދުމުން، މ. ވިލާދަށުގެ/ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) މެދުވެރިކޮށް އަދީބު ދިން ގަޑި ބަލައިގަނެފައިވާ ކަމަށް ވެސް ޕީޖީން ބުނެފައިވެއެވެ.
ޕީޖީ އޮފީހުން އިތުރަށް ބުނެފައިވަނީ، ނިހާން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުންނެވި އިރު، އޭނާގެ މެންބަރުކަމުގެ ހައިސިއްޔަތުން އަދާކުރެއްވި މަސްއޫލިއްޔަތުތައް އަދީބު އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި 650،000 ރުފިޔާ ދިނުމަށް އަދީބު ގާތު އެދިފައިވާ ކަމަށާއި އަދި އެ ފައިސާ ދިނުމުން އެ ފައިސާ ހިފާފައިވާ ކަމަށެވެ.
ނިހާންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދަން ނިންމި ފަހުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފަކަށް ނިހާން ވަނީ ހަމަޖައްސަވައިފައެވެ. މަޖިލީހުން ބުނެފައިވަނީ އެ މަގާމަށް ނިހާން ހަމަޖެއްސެވީ ޕާލަމެންޓަރީ ސާވިސް ގަވާއިދުގެ މަޖިލީހުގެ ރައީސްގެ މަސައްކަތަށް އެހީތެރިވުމަށްޓަކައި ތިން މުވައްޒަފަކު ނެގުމުގެ ބާރު މަޖިލީހުގެ ރައީސަށް ލިބެން އޮންނާތީ އެ ބާރުގެ ދަށުން ކަމަށެވެ.
ނިހާން ވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން ވަޒީފާއަށް ނިކުންނަވަން ފަށްޓަވާފައި ކަމަށް ވެސް މަޖިލީހުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު