ދުވަހުން ދުވަހަށް ކުށުގެ ރެކޯޑު ސާފުކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ފަށައިފިއެވެ.
ޕީޖީ އޮފީހުން ބުނީ މިއަދުން ފެށިގެން މި ބަދަލު ގެނެސްފައިވާ ކަމަށެވެ.
މީގެ ކުރިން ޕީޖީ އޮފީހުގެ ކައުންޓަރަށް ހުށަހަޅާ ފޯމުތަކުގެ ރެކޯޑު ސާފުކޮށްދެމުން އައީ ހުށަހަޅާ ދުވަހާ ޖެހިގެން އަންނަ ދުވަހުއެވެ.
ނަމަވެސް ޕީޖީ އޮފީހުން މިއަދު ބުނީ ކައުންޓަރަށް ހުށަހަޅާ ފޯމުތައް ދުވަހުން ދުވަހަށް ސާފުކޮށްދިނުމަށް ނިންމީ އެ އޮފީހުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ވީހާވެސް ލުއިފަސޭހަކޮށް، ހަރުދަނާކޮށް، އަވަހަށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ މި ގެނައި ބަދަލާއެކު ކޮންމެ ދުވަހަކު ހެނދުނު ހުށަހަޅާ ފޯމުތައް، ކުށުގެ ރެކޯޑު ސާފުކުރުމަށްފަހު އެ ދުވަހުގެ މެންދުރު 1:30 ގައި ލިބޭނެ ކަމަށެވެ. އަދި، މެންދުރު 12:00 ގެ ފަހުން ހުށަހަޅާ ފޯމުތައް، ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9:00 ގައި ލިބޭނެ ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.
މީގެ އިތުރުން ފޯމު ހުށަހަޅާ ފަރާތުގެ ކުށުގެ ރެކޯޑެއް ނެތްނަމަ އެ ލިޔުން ވަގުތުން ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެެ.
އޮންލައިންކޮށް ކުށުގެ ރެކޯޑު ސާފުކުރުމަށް ހުށަހަޅާ މީހުންގެ ރެކޯޑު، 10 މިނެޓު ތެރޭގައި ސާފުކޮށްދިނުމުގެ ހިދުމަތް މިހާރުވެސް ޕީޖީ އޮފީހުން އަންނަނީ ދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު