މި އަހަރު ދައުލަތުގެ ހަރަދުގައި ހައްޖުގެ އަޅުކަން އަދާކުރަން ފޮނުވާ މީހުން މާދަމާ ފުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ޝަހީމް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ދަށުން ސަރުކާރުގެ ހަރަދުގައި ހައްޖަށް ގެންދެވޭ މީހުންގެ ފުރަތަމަ ބެޗްގައި ހިމެނޭ 50 މީހުން މާދަމާ ފުރާނެ ކަމަށެވެ.
ސަރުކާރުގެ ހަރަދުގައި ހައްޖަށް ގެންދާ ފަރާތްތައް މާދަމާ ފުރާ އިރު، ހައްޖު ކޯޕަރޭޝަންގެ ފަރާތުން މި އަހަރު ރާއްޖޭން ހައްޖަށް ދާ ފުރަތަމަ ގުރޫޕް މިދިޔަ ހުކުރު ދުވަހު ވަނީ ފުރައިފައެވެ. އަދި ދެވަނަ ބެޗް މިދިޔަ ހޯމަ ދުވަހު އަދި ފަހު ބެޗް މާދަމާ ފުރާނެއެވެ. މި އަހަރު ރާއްޖެއިން 980 މީހަކު ހައްޖަށް ދެއެވެ.
ދައުލަތުގެ ހަރަދުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ދެވޭނީ އުމުރުން 69 އަހަރު ނުވާ މީހުންނަށް ކަމަށް ބަޔާންކޮށް "ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުޟު ހައްޖަށް މީހުން ގެންދާނެ ގޮތުގެ އުސޫލު" ގައި ބަޔާންކޮށްފައިވެއެވެ.
- އުސޫލުގެ ދަށުން އެ އަހަރަކު ހައްޖަށް ގެންދާނެ މީހުން ހޮވުމުގެ ކުރިން، އެންމެ ފަހުން މުދަލު ޒަކާތް ބަހައިފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނިފައިވާ މީހުން
- ފަރުޟު ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ މީހުން
- އެ އަހަރަކަށް އިއުލާނު ކުރާ އުމުރުފުރާއަށް ފެތޭ މީހުންނަށް
- ހައްޖުގެ އަޅުކަން އަދާކުރެވޭ ފަދަ ސިއްހީ ހާލަތެއްގައި ހުރި މީހުން
- މީލާދީގޮތުން އުމުރުން 69 އަހަރު ފުރިފައި ނުވާ މީހަކަށްވުން
"ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުޟު ހައްޖަށް މީހުން ގެންދާނެ ގޮތުގެ އުސޫލު"ގެ ދަށުން ކޮންމެ އަހަރަކު ދައުލަތުގެ ފަރާތުން ހިލޭ ފަރުޟު ހައްޖަށް ގެންދާނެ ފަރާތްތަކުގެ އަދަދު ކަނޑައަޅާނ،ީ ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތީން، އިސްލާމިކް މިނިސްޓަރެވެ. އުސޫލުގައިވާ ގޮތުން ކޮންމެ ފަރާތަކަށް ވެސް ހައްޖަށް ދިއުމަށްޓަކައި ދެވޭނީ އެއް ޖާގައެވެ.
އުސޫލުގައިވާ ގޮތުން ހައްޖަށް ގެންދިއުމަށްޓަކައި އެ އަހަރަކަށް ކަނޑައަޅާފައިވާ އުމުރުފުރާއަށް ފެތޭ ފަރާތްތައް ނަގާނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުންނެވެ.
އުސޫލުގެ ދަށުން ހައްޖަށް ދިއުމަށް ފުރުސަތު ލިބޭ ފަރާތްތައް ހައްޖަށް ފޮނުވުމަށްޓަކައި ހިނގާ ހަރަދު ހަމަޖައްސާނ،ީ ދައުލަތުގެ ބަޖެޓުން ނުވަތަ ޒަކާތު ފަންޑުން ނުވަތަ ހެޔޮއެދޭ ފަރާތްތަކުން ފޯރުކޮށްދޭ މާލީ އެހީތެރިކަމުން ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. ހިލޭ ފަރުޟު ހައްޖަށް މީހުން ގެންދަން، މާލީ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް، އެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ތަނަވަސްކޮށްދޭން ޖެހެއެވެ. އެގޮތަށް ލިބޭ ފައިސާ ޖަމާކުރަންވާނީ އިސްލާމިކް މިނިސްޓްރީގެ ކަމާ ގުޅުންހުރި ފަންޑަކަށް ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ދައުލަތުގެ ހަރަދުގައި ފަރުޟު ހައްޖަށް ދިއުމަށް ހޮވޭ ފަރާތަކަށް އެއްވެސް ސަބަބަކާހުރެ ހައްޖަށް ނުދެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެކަމުގައި އަމަލުކުރާނެ ގޮތް ނިންމާނ،ީ އުސޫލުގެ ދަށުން ހަދާ ކޮމިޓީއަކުންނެވެ.
ފަސް އަހަރު ތެރޭ 1000 ފަގީރުން ހިލޭ ހައްޖަށް ފޮނުވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު