ދިވެހިންގެ އެހީގައި ގާޒާގެ މަސްޖިދުލް އަގްސާ ކައިރީގައި ވަގުތީ މިސްކިތެއް ބިނާކޮށްފިއެވެ.

އެ މިސްކިތް ބިނާކުރީ ދިވެހިންގެ އެހީގައި "ހިދުމަތް ޖަމިއްޔާ" އިންނެވެ.

ހިދުމަތް ޖަމިއްޔާގެ ފޭސްބުކް ޕޭޖުގައި އެ މިސްކިތުގެ ވީޑިއޯއަކާއެކު ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ދުނިޔޭގައި އެންމެ ބަރަކާތްލެއްވި އެއް ހިސާބަކީ އެ ތަނަކުން ނަބިއްޔާ صلى الله عليه وسلم މިއުރާޖު އަރާވަޑައިގެންނެވި މަސްޖިދުލް އަގުސާ އާއި އެތަނުގެ ވަށައިގެންވީ ސަރަހައްދު ކަމަށެވެ.

"މިފަހަރު ތިޔަބޭފުޅުންގެ (ދިވެހިންގެ) ދީލަތި އެހީއާއެކު މިސްކިތެއް ބިނާކުރެވިފައި މި ވަނީ އެ މާތް ބިމުން ތަންކޮޅެއްގައެވެ. އަޅުގަނޑުމެން އެންމެންގެ ލޯބިވާ ގާޒާގައެވެ." ހިދުމަތް ޖަމިއްޔާއިން ބުންޏެވެ.

އެ ޖަމިއްޔާއިން ބުނީ އެކަހަލަ އެތައް ވަގުތީ މިސްކިތެއް ގާޒާގައި ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމުގައި ދިވެހިންގެ އެހީ އިންތިހާއަށް ބޭނުންވާ ކަމަށެވެ.

"ހާލަތުގެ ނާޒުކުކަމުން، މިއީ ވަގުތީ މިސްކިތަކަށް ވިޔަސް، ޔަގީންކަމަކީ ﷲ ގެ ހަޒްރަތުން ލިބޭނޭ އަޖުރަކީ ވަގުތީ އެއްޗަކަށް ނުވާނެކަމެވެ. އީމާންކަމާއި ކެތްތެރިކަމުގެ ކިއްލާތަކެއް ފަދަ ގާޒާގެ ރައްޔިތުން މި މިސްކިތުގައި ނަމާދުކޮށް ﷲ ހަނދުމަކުރަމުން ގެންދާ މަންޒަރަކީ ބަޔާންނުކުރެވޭ ފަދަ ފިނިކަމެއް ހިތަށް ގެނެސްދޭކަމެއް ނޫންތޯއެވެ؟" އެ ޖަމިއްޔާއިން ބުންޏެވެ.

ހިދުމަތް ޖަމިއްޔާއިން ވަނީ، ސިއްރާއި ފާޅުގައި އެ މިސްކިތް ބިނާކުރުމަށް އެހީތެރިކަން ދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.