އިންޑިޔާގެ އާއްމު އިންތިޚާބުގެ ނަތީޖާ މިހާރުވަނީ ސާފުވެފައެވެ. ޕާލަމަންޓް ނުވަތަ ލޮކްސަބާގެ 543 ގޮނޑީގެ ތެރެއިން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ނެޝަނަލް ޑިމޮކްރަޓިކް އެލަޔަންސް، އެންޑީއޭ ކޯލިޝަން ވަނީ 293 ގޮނޑި ހޯދައިފައެވެ. ސިމްޕަލް މެޖޯރިޓީއަކީ 272 ގޮނޑިއެވެ. އެހެންވީމާ މޯދީގެ އެންޑީއޭއަށް އެވަނީ ލޮކްސަބާގެ ސާފު އަޣުލަބިއްޔަތު ލިބިފައެވެ. އަޣުލަބިއްޔަތު ލިބުނީ ކޯލިޝަނަކަށެވެ. އިއްތިހާދަކަށެވެ. މި ކޯލިޝަނުގެ އެންމެ އިސް ޕާޓީއަކީ މޯދީގެ ބީޖޭޕީއެވެ. މިފަހަރު ބީޖޭޕީއަށް އެކަނި އަޣުލަބިއްޔަތެއް ނުނެގުނެވެ. ބީޖޭޕީއަށް ލިބުނީ 240 ގޮނޑިއެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީކަމަށްވާ ކޮންގްރެސް އިސްވެ އުފައްދާފައިވާ ކޯލިޝަނަށް ނެގުނީ 232 ގޮނޑިއެވެ. މީގެ ތެރެއިން ކޮންގްރެސްއަށް އެކަނި ނެގުނީ 99 ގޮނޑިއެވެ.

މި އިންތިޚާބަށްފަހު ޖޫން 8 ގައި ބޮޑުވަޒީރުކަމުގެ ހުވާކުރައްވާނީ ކޮންބޭފުޅެއް ބާވައެވެ. ޔަގީންކުރެވޭ ގޮތުން އެބޭފުޅަކީ މިހާރުވެސް ބޮޑުވަޒީރު ކަމުގައި އެހުންނެވި ނަރެންދުރަ މޯދީއެވެ. މިހާރު މަގާމުގައި އެހުންނެވީ ވިދިވިދިގެން ދެވަނަ ދައުރުގައެވެ. ޖޫން 8 ވަނަ ދުވަސް ނުވަތަ އަންނަ ހޮނިހިރުދުވަހު އޭނާ މަގާމުގެ ހުވާކުރެެއްވީމާ އެ ފެއްޓެވެނީ ބޮޑުވަޒީރު ކަމުގެ ތިންވަނަ ދައުރެކެވެ. އިންޑިޔާގެ ތާރީޚުގައި މީގެކުރިން ވިދިވިދިގެން ތިން ދައުރެއް ކާމިޔާބުކުރެއްވި ހަމައެކަނި ބޮޑުވަޒީރަކީ ޖަވާހަރް ލާލް ނެހުރޫއެވެ. އޭނާ މި ރިކޯޑު ހޯއްދެވީ 1962 ގައެވެ. ނަރެންދުރަ މޯދީއަށް މިފަހަރު ނެހުރޫގެ ރިކޯޑާ އެއްވަރު ކުރެވުނަސް އައު ދައުރުގައި މޯދީ ފެންނާނީ ބާރުދެރަވެ ނިކަމެތިވެފައިވާ ބޮޑުވަޒީރެއްގެ ގޮތުގައެވެ. ފާއިތުވި ދެ ދައުރުގައި މޯދީ ވެރިކަން ކުރެއްވީ އެހެން އެއްވެސް ބަޔަކަށް ބަރޯސާ ކުރެއްވުމެއްނެތި ބީޖޭޕީއަށް އެކަނި ލޮކްސަބާގެ ފުރިހަމަ އަޣުލަބިއްޔަތު އޮވެގެންނެވެ. މިފަހަރު ބީޖޭޕީއަށް އެ އަޣުލަބިއްޔަތު ގެެއްލިއްޖެއެވެ.

ދެން ބަރޯސާކުރަން ޖެހެނީ އެންޑީއޭ ކޯލިޝަނުގެ އިތުރު ތިން ޕާޓީއަކަށެވެ. ކުދިކުދި ސަރަހައްދީ ޕާޓީތަކަށެވެ. އެމީހުންގެ ޝަރުތުތަކާއި އެދުންތައް ވަރަށް ގިނަވާނެއެވެ. ކެބިނެޓުގެ މަގާމުތައް ބަހަން މަޖުބޫރުވާނެއެވެ. މިހެންގޮސް ވަރަށް ގިނަ ކަންކަމުގައި ދޫދޭން ޖެހޭނެއެވެ. ދެކުނުގެ އަންދްރަ ޕްރަދޭޝްއަށް ނިސްބަތްވާ ޓީޑީޕީ ވަނީ ލޮކްސަބާގެ ސޯޅަ ގޮނޑި ކާމިޔާބުކޮށްފައެވެ. މިއީ މޯދީގެ އެންޑީއޭ ކޯލިޝަނުގެ ބައިވެރިއެކެވެ. މި ޕާޓީގެ ލީޑަރަކީ އަންދްރަ ޕްރަދޭޝްގެ ކުރީގެ ޗީފް މިނިސްޓަރ ޗަންދުރަބާބޫ ނައިޑޫއެވެ. އޭނާގެ ޝަރުތުތައް މިހާރުވެސް ވަނީ ތިލަވެފައެވެ. ކެބިނެޓުގެ ތިން ސްލޮޓަކާއި ލޮކްސަބާގެ ސްޕީކަރުކަން އެ ޕާޓީން ބޭނުންވެއެވެ. އިރުމަތީގެ ސްޓޭޓެއް ކަމަށްވާ ބިހާރުގެ ސަރަހައްދީ ޕާޓީއެއް ކަމަށްވާ ޖޭޑީއަށް މިފަހަރު ލޮކްސަބާގެ ބާރަ ގޮނޑި ލިބިފައިވާއިރު އެ ޕާޓީގެ ލީޑަރު ނިތިޝް ކުމާރުވެސް އެދެނީ ކެބިނެޓުގެ ތިން ސްލޮޓެކެވެ. އަދި ބިހާރު ސްޓޭޓަށް ޚާއްސަ އިމްތިޔާޒެއް ލިބުމެވެ.

ޝިރާގު ޕަސްވާންގެ އެލްޖޭޕީ އަށް ޖުމްލަ ފަސް ގޮނޑި ލިބިފައިވާއިރު އެ ޕާޓީންވެސް ކެބިނެޓުގެ ވަރުގަދަ އެއް ސްލޮޓް ބޭނުންވެއެވެ. ޖިތަމް ރާމްގެ އެޗްއޭއެމް ޕާޓީއަށް ހޯދުނީ ލޮކްސަބާގެ އެންމެ ގޮނޑިއެއް ކަމަށްވިޔަސް އޭނާވެސް ކެބިނެޓުގެ ވަރުގަދަ އެއް ޕޯޓްފޯލިއޯ ބޭނުންވެއެވެ. ޔަގީންކުރެވޭ ގޮތުން މޯދީގެ އައު ކެބިނެޓް ނަގާނީ ބީޖޭޕީ އާއި މިދެންނެވި ޕާޓީތަކުގެ ތެރެއިންނެވެ. މިއިން ކޮންމެ ބަޔަކުވެސް ބޭނުންވާނީ އެންމެ ވަރުގަދަ މިނިސްޓްރީތަކެވެ. ފޮރިން މިނިސްޓްރީއާއި ހޯމް މިނިސްޓްރީއެވެ. ފިނޭންސް މިނިސްޓްރީއާއި ޑިފެންސް މިނިސްޓްރީއެވެ. މިއިން އެއްވެސް މިނިސްޓްރީއެއް ބީޖޭޕީ ނޫން ބަޔަކަށް ދިނުމަކީ މޯދީއަށް ފަސޭހަ ނުވާނެކަމެކެވެ. ވެރިކަމުގައި މިހާތަނަށް ދިހަ އަހަރު ހޭދަކުރެއްވުއިރު މިއީ އަދި އޭނާ ނުކުރައްވާ ތަޖުރިބާއެކެވެ. އެކަމަކު މިފަހަރު އެހެންގޮތެއް ނެތެވެ. ހިއްސާކުރުން ނޫން އެހެން މަގެއް ނެތެވެ. އެހެންވީމާ ދެންވާއެއްޗެއް ބަލަން ތިބެމާބަހީއެވެ.

މިފަހަރުގެ އިންތިޚާބުގައި އިދިކޮޅު ކޮންގްރެސް ޕާޓީން ހޯދީ ކުރީފަހަރަށްވުރެ މާބޮޑު ކާމިޔާބީއެކެވެ. ކުރީފަހަރަށްވުރެ އިތުރަށް 47 ގޮނޑި ހޯދިއެވެ. އަނެއްކޮޅުން ބީޖޭޕީއަށް ހޯދުނީ ކުރީފަހަރަށްވުރެ 63 ގޮނޑި މަދުންނެވެ. އެހެންވީމާ ލޮކްސަބާގައި މިފަހަރު އިދިކޮޅު ފަރާތްތަކުގެ އަޑު ވަރަށް ގަދަވާނެއެވެ. އިންތިޚާބު މިހިސާބުން އަދި ނުނިމެއެވެ. މުހިންމު ބައިއިލެކްޝަންތަކެއް ކުރިއަށް އެބައޮތެވެ. އިންޑިޔާގައި އެއްގޮނޑިއަށްވުރެ ގިނަ ގޮނޑިއަށް އެކަކަށް ވާދަކުރެވެއެވެ. ބައެއް މީހުން މިފަހަރު ދެ ގޮނޑިއަށް ވާދަކޮށް އެ ދެ ގޮނޑިވެސް ކާމިޔާބުކޮށްފައިވެއެވެ. މީގެ މިސާލަކީ ކޮންގްރެސް ޕާޓީގެ ލީޑަރު ރަހޫލް ގާނދީއެވެ. އޭނާ ވާދަކުރެއްވީ އުއްތަރު ޕްރަދޭޝް ސްޓޭޓްގެ ރާއީ ބަރޭލީގެ ގޮނޑިއަށާއި ކެރެލާ ސްޓޭޓްގެ ވަޔާނަޑްގެ ގޮނޑިއަށެވެ. ރަހޫލް ވަނީ މި ދެ ގޮނޑިވެސް ކާމިޔާބު ކުރައްވައިފައެވެ. އެކަކަށް ދެ ގޮނޑި ކާމިޔާބުކުރުމުގެ ފުރުސަތު އޮތަސް އެކަކު އެއްފަހަރާ ދެގޮނޑި ފުރުމުގެ ފުރުސަތެއް ނޯވެއެވެ.

އެމީހަކަށް ޖެހޭނީ އިންތިޚާބުވާތާ ސާދަ ދުވަހުގެ ތެރޭގައި ކޮންމެވެސް އެއްގޮނޑިއެއް އިޚުތިޔާރުކޮށް އަނެއް ގޮނޑިން އިސްތިއުފާދޭށެވެ. ހުސްވި ގޮނޑިއަށް އެހެން މީހަކު ހޮވުމަށް ދެން ބާއްވަންޖެހެނީ ބައިއިލެކްޝަނެކެވެ. ރަހޫލް ގާނދީގެ ދެ ގޮނޑީގެ ތެރެއިން އޭނާ ދޫކޮށްލައްވާނީ ކޮން ގޮނޑިއެއްކަން އަދި ނޭނގެއެވެ. ބޮޑަށް ބެލެވެނީ ކެރެލާގެ ގޮނޑި ކަމުގައެވެ. އެހެން ހީވަނީ ބައިއިލެކްޝަނުގައި އެ ގޮނޑި ނެގުމުގެ ފުރުސަތު ބީޖޭޕީއަށްވުރެ ބޮޑީ ކޮންގްރެސް ޕާޓީއަށް ކަމުގައިވުމެވެ. ކެރެލާއަކީ ބީޖޭޕީއަށް މާބޮޑު ކަމެއް ކުރެވޭ ސްޓޭޓެއް ނޫނެވެ. ކެރެލާގެ ލޮކްސަބާ ގޮނޑިއެއް ދުވަހަކުވެސް ބީޖޭޕީއަށް ނުލިބިވަނިކޮށް މިފަހަރުގެ އިންތިޚާބުގައި ކެރެލާގެ ވިހި ގޮނޑީގެ ތެރެއިން އެއްގޮނޑި ބީޖޭޕީގެ ސުރޭޝް ގޯޕީ ވަނީ ކާމިޔާބުކޮށްފައެވެ. އެއީ ކެރެލާގެ ތުރިއްސޫރުގެ ގޮނޑިއެވެ. ސުރޭޝް ގޯޕީއަކީ ފިލްމީ ތަރިއެކެވެ.