ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ ޔޫރޯ 2024 ކަވަރޭޖު "ޕީއެސްއެމް ފޯ 2024"ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

މިމަހުގެ 14 ވަނަ ދުވަހުގެ ރޭ 12:00 ގައި ޔޫރޯގެ ފުރަތަމަ މެޗު ކުޅޭނެއެވެ. ޕީއެސްއެމްގެ ދަށުން ހިންގާ ޓީވީއެމް އަދި ޔޭސް ޓީވީން ޔޫރޯގެ ހުރިހާ މެޗުތަކެއް ވަގުތުން އަލްޓްރާ އެޗްޑީކޮށް ދައްކާނެއެވެ. މެޗުތައް ބެލުމަށް ބެލުންތެރިން އިތުރު އަގެއް ދައްކަން ނުޖެހޭނެއެވެ.

ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ޕީއެސްއެމްއާ ގުޅިގެން މިއަހަރުގެ އެންމެ ބޮޑު ފުޓުބޯޅަ އިވެންޓު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގައި ބައިވެރިވުމަކީ ދިރާގަށް ލިބޭ އުފަލެއް ކަމަށެވެ.

"މިފަދަ ފުޓުބޯޅަ އީދަކަށް ދިވެހިން ތައްޔާރުވަމުން އަންނަ އިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުރިހާ އުމުރުފުރައެއްގެ ބެލުންތެރިންނަށްވެސް މި ހާއްސަ ކަވަރޭޖާއެކު ފުރިހަމަ ތަޖުރިބާއެއް ލިބިގެންދާނެކަން އަޅުގަނޑުމެން ޔަގީން ކުރަން،" މިރުޝާން ވިދާޅުވިއެވެ.

ދިރާގުން ބުނީ ޔޫރޯގެ ފޯރި ކުޑަކުދިންގެ މުދުގައި އާލާކުރުމުގެ މަގުސަދުގައި އަންނަ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި "ކުޑަކުދިންގެ ޔޫފޯރިއާ"ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަނީ އެފަދަ ހަރަކާތްތަކުގައި މުޖުތަމައުގައި ޝާމިލުވާ ފަރާތްތަކަށް އެއްބާރުލުން ފޯރުކޮށްދިނުމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމަށް ކަމަށް ދިރާގުން ބުންޏެވެ.