ހުރިހާ އެންމެންނަށްވެސް ހަމަހަމަކަމާ އެކު ގާނޫނު ތަންފީޒުކުރުމުގެ އިހްތިޔާރާއި ބާރު ފުލުހުންނަށް އޮންނާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިހްސާން ވިދާޅުވީ، މި ސަރުކާރުން އެއްވެސް ފުލުހެއްގެ މައްޗަށް ވަކި މީހަކާ ދޭތެރޭ ވަކި ގޮތަކަށް އަމަލުކުރުމަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ.
"ގާނޫނާއި ފުށު އަރާ ހިނދުގައި އޭނާއަކީ ދައުލަތުގެ ވަޒީރެއްތޯ، މަޖިލީހުގެ މެމްބަރެއްތޯ، އޭނާއަކީ މިވެނި ހައިސިއްޔަތެއްގެ މީހެއްތޯ، މިއެއް ބެލުމެއް ނޯންނާނެ. އަދުގެ ސަރުކާރުން ތިބޭފުޅުންގެ މައްޗަށް އެއްވެސް މީހަކު ނުފޫޒެއް ނުފޯރުވާނެ މިވެނި މީހަކާއި ދޭތެރޭ މިވެނި ގޮތަކަށް އަމަލުކުރާކަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަކީ އަހަރެއްގެ މައްޗަށް ދައުލަތުގެ ބަޖެޓުން ދެ ބިލިއަން ރުފިޔާ ހަރަދުކުރާ މުއައްސަސާއެއް ކަމަށާއި އެހެންކަމުން ފުލުހުންގެ ކިބައިން ސަރުކާރުން ބޭނުންވާ ކަންކަތައްތަކެއް އަދި ރައްޔިތުންގެ އުންމީދުތަކެއްވާނެ ކަމަށާއި އެއީ ނަތީޖާ ނެރެ ދައްކައިދިނުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ފުލުހުންނަކީ ޒިންމާތަކުން ރެކޭ ބަޔަކަށް ވުމުގެ ބަދަލުގައި ޒިންމާ ނަގާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި ކޮންމެ ފުލުހަކުވެސް އެ މީހަކު ކުރި ކަމެއްގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ސަގާފަތެއް އެއީ ޖެހިގެން ހުރި މީހާގެ ބޮލަށް ކަންކަން ކަނޑާލުން. މިބައިން ނެއްޓެން ޖެހޭނެ އަޅުގަނޑުމެން. ވެރިއެއްވިއްޔާ އެމީހަކު ކުރާ އަމުރަކަށް، އޮފިސަރެއް ވިއްޔާ އެ މީހަކު ކުރާ އަމުރަކަށް ފުރިހަމައަށް ޒިންމާވާން ޖެހޭނެ. ދަށުގައި ތިބޭ ކުދިންގެ ބޮލުގައި ކަންކަން އެޅުވުމަކީ އަޅުގަނޑުމެންގެ ރޫހަކަށްވެގެން ނުވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖެއަކީ ކުށް މަދު ތަނަކަށް ހަދަން ޖެހޭ ކަމަށާއި މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުން ރާއްޖެ ސަލާމަތް ކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އަދި އަމާޒަކީ، ރާއްޖެއިން ގޭންގުތައް ނައްތާލައި މަސްތުން ސަލާމަތްވެފައިވާ މުޖުތަމައަކަށް ރާއްޖެ ހެދުން ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު