ޖަރުމަނުގައި މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ފަށާ ޔޫއެފާ ޔޫރޯ 2024 އަށް ނުކުންނަ ބެލްޖިއަމް ޓީމަކީ މުބާރާތުގެ ފެވަރިޓެއް ނޫން ނަމަވެސް، އެޓީމާ ދެކޮޅަށް ކުޅެން ޓީމުތަކުން ޖެހިލުންވާނެ ކަމަށް މެންޗެސްޓާ ސިޓީގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ބުނެފިއެވެ.

ބެލްޖިއަމުން ޔޫރޯއަށް ކުރާ އުންމީދުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސިޓީގެ ޕްލޭމޭކަރު ޑި ބްރޭނާ މާ ބޮޑަކަށް އެޓީމުގެ އަމާޒު ހާމަކޮށްފައެއް ނުވެއެވެ. އަދި ޔޫރޯގައި ބެލްޖިއަމަށް ކުރިއަށް ދެވޭނެ ކަމަށް ލަފާކުރެވޭ ހިސާބެއްވެސް ޑި ބްރޭނާ އަންދާޒާ ކޮށްފައެއްވެސް ނުވެއެވެ.

ޑި ބްރޭނާ ބުނީ ބެލްޖިއަމަކީ ފެވަރިޓެއް ނޫން ނަމަވެސް، އެޓީމާ އިދިކޮޅަށް ނުކުންނަން ޓީމުތަކުން ބޭނުން ނުވާނެ ކަމަށެވެ.

"އަހަރެމެންނަކީ ފެވަރިޓެއް ކަމަކަށް ނުދެކެން. އެހެންނަމަވެސް އަހަރެމެންނާ ދެކޮޅަށް ކުޅެން އިދިކޮޅު ޓީމުތަކުން މާ ބޮޑަކަށް ބޭނުމެއް ނުވާނެ. އެއީ ޔަގީންކަމެއް. އަހަރެން މިދިޔަ ޔޫރޯއާއި ވޯލްޑް ކަޕްގައި ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅުމުގެ ތަޖުރިބާ ހޯދައިފިން. އެ މުބާރާތްތަކުގައި އަހަރެމެންނަށް އުފާވެރި ވަގުތުތަކެއްވެސް އައި. އެ އުފާވެރި ވަގުތުތަކުގައިވެސް އޮތް ފެންވަރުގެ ޓީމެއް މިހާރުވެސް އޮތީ،" އުމުރުން 32 އަހަރުގެ މިޑްފީލްޑަރު ޑި ބްރޭނާ ބުންޏެވެ.

ޑި ބްރޭނާ ބުނީ އަނިޔާގެ ސަބަބުން ބެލްޖިއަމަށްވެސް ބައެއް މުހިއްމު މެޗުތައް އޭނާއަށް ގެއްލުނު ކަމަށެވެ. އެހެން ނަމަވެސް، 100 މެޗު ހަމަކުރަން ދެން އޮތް މެޗުގައި އަމިއްލަ ސަޕޯޓަރުން ކުރިމައްޗަށް ނުކުތުމަކީ ފަހުރެއް ކަމަށްވެސް ޑި ބްރޭނާ ބުންޏެވެ.

ބެލްޖިއަމުން ޔޫރޯގެ ކުރިން ލަކްސެމްބާގާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެން ތައްޔާރުވެފައިވާ އިރު، އެޓީމު ހިމެނެނީ ޔޫރޯ ގްރޫޕް އީގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ސްލޮވާކިއާއާއި ރޮމޭނިއާ އަދި ޔުކްރެއިނެވެ.