ބިންވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ތިން މަސް ދުވަސް ތެރޭ ހަވާލު ކުރުން ލާޒިމުވާ ގޮތަށް ކުރީގެ މަޖިލީހުން ފާސްކުރި ބިލު، ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ ވިހި ވަނަ މަޖިލީހުން ބޭރުކޮށްލިޔަސް ގޯތިތައް ދޭނެ ކަމުގެ ޔަގީން ކަން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ދީފިއެވެ.
މި ބިލަކީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމު މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.
މި ބިލުގައި ބުނަނީ، މި ގާނޫނަށް އަމަލު ކުރަން ފަށާއިރު ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ގެޒެޓް ކުރުމަށްފަހު ރަޖިސްޓްރީ ހަވާލު ނުކޮށްވާ ގޯތިތަކުގެ ރަޖިސްޓްރީ މި ގާނޫނަށް އަމުލު ކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ގޯތިތައް ލިބުނު ފަރާތްތަކާ، އެ ގޯތި ދޫކުރި އިދާރާއިން ހަވާލު ކުރަންވާނެ ކަމަށެވެ.
އެމްޑީޕީ މެޖޯރިޓީ އޮތް އެ މަޖިލީހުން މި ބިލް ފާސްކުރީ މިދިޔަ އޭޕްރީލް މަހުގެ 29 ގައެވެ. އަދި މިއަދާ ހަމައަށް އޮތީ އެބިލް ތަސްދީގު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވައިފައެވެ.
ނަމަވެސް އެ ބިލު ތަސްދީގު ކުރެއްވުމުގެ ބަދަލުގައި ބިލުގައި ހުރި ކަންބޮޑުވުންތައް ފާހަގަ ކުރައްވައި އެ ބިލާ މެދު އަލުން ވިސްނެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބިލް އަނބުރާ މަޖިލީހަށް ފޮނުއްވައިފައެވެ.
މިއަދު މަޖިލީހުގައި ވޯޓަށް އެހީ އެ ބިލު ކޮމިޓީއަށް ފޮނުވުމަށެވެ. އެގޮތަށް ނުފެންނަ ކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 88 މެންބަރުންގެ ތެރެއިން 75 މެންބަރުން ވޯޓު ދެއްވި އެވެ. ކޮމިޓީއަށް ފޮނުވަން 12 މެންބަރުން ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު ހުންނެވިއެވެ.
އެ ބިލު ކޮމިޓީއަށް ފޮނުވަން ފާސްނުވުމުން ބިލު ފާސްކުރަން ނެގި ވޯޓުގައި ނުފެންނަ ކަމަށް 76 މެންބަރުން ވޯޓު ދެއްވި އިރު ބިލު ފާސްކުރަން ވޯޓު ދެއްވީ 12 މެންބަރުންނެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު ހުންނެވިއެވެ.
އެ ބިލު ބޭރުކޮށްލި ސަބަބުތައް ހާމަކުރުމަށް ޕީއެންސީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ މިހާރު ދޫކޮށްފައިވާ ގޯތިތައް މި ސަރުކާރުން ދޭނެ ކަމަށެވެ. ނަމަވެސް ގިނަ ގޯތިތައް ދީފައި ހުރީ ނުވެސް ނެތް ބިންތަކަކުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމްޑީޕީން ހުށަހެޅި ބިލުގައި ގާނޫނަށް ފުށޫއަރާ އެތައް ކަމެއް ހުރިކަން ފަލާހު ފާހަގަކުރެއްވިއެވެ.
"މާލޭގެ އޭރިއާގައި ދިރިއުޅޭ ރައްޔިތުންނަށް، ދާދި ފަހުން ހުށަހެޅި އިސްލާހުގައި ގާނޫނުގައި ހުރި އެހެން ކަންކަމާ ފުށޫ އަރާ ވަރަށް ގިނަ ކަންތައްތަކެއް، ރައީސުލްޖުމްހޫރިއްޔާ ފޮނުވި ސިޓީގައި ވެސް ފާހަގަ ކުރެއްވި، ގޯތީގެ ރަޖިސްޓްރީ ކުރި އިރު ގޯތި ހުރި ތަނެއް ވެސް ނޭނގެ، ގިނަ ގޯތި ދީފައި ހުރީ އޭރު ނުހިއްކާ ހުރި ބިންތަކުން،" ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، ދިރިއުޅުމަށް ދޫކުރާ ގޯއްޗެއްގައި ދިރިއުޅެން ވަކި މުއްދަތެއްވެސް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން ތިން މަސް ދުވަސް ތެރޭގައި ގޯތިތައް ހަވާލުކުރުމަކީ ރާއްޖޭގެ އިގުތިސޯދީ ހާލަތު އޮތް ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ފަލާހު އިތުރަށް ވިދާޅުވީ، މި ސަރުކާރުން "ބިމުގެ ބިލް" ކިޔާ އާ ބިލެއް މަޖިލީހަށް ވައްދާނެ ކަމަށާއި އެ ބިލުގައި ބިމުގެ މައްސަލަތަކުގެ ފުރިހަމަ ހައްލު އޮންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު