ކަރަންޓު ބިލުތަކާ ގުޅިގެން މިހާތަނަށް 6700 ވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ހޫނު މޫސުމުގެ މަހަކަށްވުރެ، މިދިޔަ މަހުގެ ކަރަންޓު ބިލު ބޮޑު ކަމަށް ބުނެ ބައެއް މީހުން ދަނީ ޝަކުވާ ކުރަމުންނެވެ. އެކަމާ ގުޅިގެން ބައެއް މީހުން ވަނީ ސްޓެލްކޯ ހެޑް އޮފީސް ހުންނަ ސަރަހައްދުގައި މުޒާހަރާވެސް ކޮށްފައެވެ.

ސްޓެލްކޯއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ކަރަންޓު ބިލްތަކާ ގުޅިގެން މިދިޔަ ދެ ދުވަސް ތެރޭ ޝަކުވާގެ ގޮތުގައި ލިބިފައި ވަނީ ⁠659 ފޯނުކޯލު ކަމަށެވެ. އެ ހުރިހާ ކޯލަކަށް އެޓެންޑް ވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ވައިބާ، ވަޓްސްއެޕް، ޓެލެގްރާމް، ފޭސްބުކް އަދި ވެބްސައިޓް މެދުވެރިކޮށް ⁠6135 މެސެޖު ލިބިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"ކުރިން ވެސް ހާމަކޮށްފައިވާ ގޮތުން ހުރިހާ ޝަކުވާއަކަށް ވެސް 24 ގަޑި އިރުތެރޭ އެޓެންޑްވުމަށް މަސައްކަތް ކުރެވެމުން،" ސްޓެލްކޯއިން ބުންޏެވެ.

އެކުންފުންޏަށް ލިބިފައިވާ ކަރަންޓު ބިލުގެ ޝަކުވާތައް ބޮޑުވެ، އާންމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރުމުން ވަނީ، ކަރަންޓު ބިލުތަކާ ގުޅޭ ޝަކުވާތައް ހުށަހަޅަން ވަކި ނަމްބަރެއް ހަމަޖައްސައިފައެވެ.

އެގޮތުން އެ ކުންފުނީގެ ކަސްޓަމާ ސާވިސް އެންޑް ބިލިންގެ ނަންބަރު 7788438 އަށް ވަޓްސްއަޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް މައްސަލަ ހުށަހެޅޭނެއެވެ. އަދި [email protected] އަށް އީމެއިލްކޮށްވެސް ޝަކުވާ ހުށަހެޅޭނެއެވެ.