ފަލަސްތީނަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ހާއްސަ މަންދޫބެއް ކަނޑައަޅައި، "ފަލަސްތީނާ އެކު ދިވެހިން" ނަމުގައި މުޅި ރާއްޖޭގައި ބޮޑު ހިނގާލުމެއް ބޭއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި، ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ، ފަލަސްތީނަށް އަވަސް ހައްލެއް ގެނެސްދިނުމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން ކެބިނެޓުގައި މަޝްވަރާކޮށް މުހިއްމު ކަންތައްތަކެއް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަމުގެ ތަފުސީލް ދެއްވަމުން މިނިސްޓަރު ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ. އަދި އެ ކަން ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލައްވާފައިވާ ކަމަށެވެ.
އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ހޯމް މިނިސްޓަރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ، ފަލަސްތީނާއި އިޒްރޭލުގެ މައްސަލައިގައި ރާއްޖޭގެ ފަރާތުން ފަލަސްތީނުގެ ފަރާތުން އެދޭ ކަންކަން ދެނެގަތުމަށް ރައީސްގެ ސްޕެޝިއަލް އެންވޯއި އެއް ކަނޑައަޅުއްވަން ވެސް ނިންމާފައިވާ ކަމަށާއި ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ އަހުންނާއި އުހުތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި "ޔޫއެން ރިލީފް އެންޑް ވޯކްސް އެޖެންސީއާ" ގުޅިގެން ރާއްޖޭ ގައި ފަންޑްރައިޒް ހަރަކާތްތަކެއް ހިންގުމަށްވެސް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، "ފަލަސްތީނާ އެކު ދިވެހިން" މި ނަމުގައި މުޅި ރާއްޖޭގައި ހާއްސަ ހިނގާލުމެއް ބާއްވަންވެސް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.
ފަހު ކަމެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ، ރާއްޖެއިން އިސްނަގައިގެން ފަލަސްތީނުގެ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށްޓަކައި އިސްލާމީ ގައުމުތައް އެކުވެގެން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށްވެސް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު