އިޒްރޭލު މީހުން ރާއްޖެއަށް އެތެރެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ގާނޫނު އިސްލާހުކުރަން ކެބިނެޓުން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ފަލަސްތީނަށް އަވަސް ހައްލެއް ގެނެސްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކެބިނެޓުގައި މަޝްވަރާކޮށް މުހިއްމު ކަންތައްތަކެއް މިހާރު ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިއަދު ބޭއްވި ކެބިނެޓުގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވަނީ އިޒްރޭލުގެ މީހުން ރާއްޖެ އެތެރެވިޔަ ނުދިނުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަން ކަމަށެވެ. އެހެންވެ، އެ ކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވައިލާފައިވާ ކަމަށެވެ.
- ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން
- ހާރިޖީ ވަޒީރު މޫސާ ޒަމީރު
- އެޓާނީ ޖެނެރަލް އަހުމަދު އުޝާމް
- އިގުތިސޯދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު
- ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް
- އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވީ، މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް އޮތުމުން އިޒްރޭލު ޕާސްޕޯޓް މަނާކުރަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް އަވަހަށް ގެނެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ރައީސް ބޭނުންފުޅުވަނީވެސް ވީހާވެސް އަވަހަކަށް އެ މައްސަލައަށް ހައްލެއް ލިބުން ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ފަރާތުން ފަލަސްތީނުގެ ފަރާތުން އެދޭ ކަންކަން ދެނެގަތުމަށް ރައީސް ސްޕެޝިއަލް އެންވޯއިއެއް ކަނޑައެޅުމަށާއި "ފަލަސްތީނާ އެކު ދިވެހިން" މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވަން ވެސް ވަނީ ނިންމައިފައެވެ.
ޔޫއެން ރިލީފް އެންޑް ވޯކްސް އެޖެންސީ މެދުވެރިކޮށް ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށާއި ރާއްޖޭން އިސްނަގައިގެން ފަލަސްތީނުގެ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށްޓަކައި އިސްލާމީ ގައުމުތައް އެކުވެގެން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ވެސް ކެބިނެޓުން ވަނީ ނިންމައިފައެވެ.
ފަލަސްތީނުގެ ބިންތައް ފޭރިގަނެ، އެ ގައުމުގެ މީހުންނަށް ލާއިންސާނީ އަނިޔާދީ އެތައް ބަޔަކު މަރަމުން ގެންދާ އިޒްރޭލުގެ ޕާސްޕޯޓު ރާއްޖެއިން ބަލައިނުގަތުމަށާއި އެ ތަނުގެ ޓޫރިސްޓުން ރާއްޖެ އައުން މަނާކުރުމުގެ އަޑު ރާއްޖޭގައި ވަނީ ގަދަވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު