ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނި ވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން، ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

މާދަމާގެ ޖަލްސާއަކީ އަލަށް އިންތިހާބު ކުރި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ޖަލްސާއެވެ.

މާދަމާގެ ޖަލްސާގެ އެޖެންޑާގައި ފުރަތަމަ ކަމަކަށް އޮތީ، ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ)ގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި 29 ޖަނަވަރީ 2024 ގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ތިން ބޭފުޅުންގެ ނަންފުޅަށް، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ފައިވާ މައްސަލަ ކުރިއަށް ގެންދެވުމެވެ.

އެހެންކަމުން މާދަމާގެ ޖަލްސާގައި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހަށް އިއްވަވައި އެ ތިން ބޭފުޅުންގެ ނަންފުޅު އިތުރަށް ދިރާސާ ކުރުމަށް ކަމާބެހޭ ދާއިމީ ކޮމިޓީއަށް ފޮނުވާނެވެ.

ރައީސް ޑރ. މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ބޭފުޅުންގެ ތެރެއިން 19 ބޭފުޅަކަށް، އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ދިން ނަމަވެސް ތިން ބޭފުޅަކަށް މަޖިލީހުގެ ރުހުން ނެތް ކަމަށް ވަނީ ފާސްކޮށްފައެވެ.

މަޖިލީހުގެ ރުހުން ނެތް ކަމަށް ފާސްކުރެއްވި ބޭފުޅުންނަކީ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ އިތުރުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

ނަމަވެސް ރައީސް މުއިއްޒު ވަނީ އަލުން އެ މަގާމުތަކަށް ހަމަ އެ ބޭފުޅުން އައްޔަން ކުރައްވައި އެ ބޭފުޅުންނަށް މަޖިލީހުގެ ރުހުން ހޯދަން ފޮނުވައިފައެވެ.

ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ އިތުރުން، ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރަކު ކަނޑައެޅުމުގެ މައްސަލަ ވެސް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.

މީގެ އިތުރުން އާ ގަވާއިދު ހެދެން ދެން އަމަލު ކުރަން މި މަޖިލީހުން ފާސްކުރި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިހާބު ކުރުންވެސް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.