ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީކުރުމުގެ ގައުމީ މަޝްރޫއު "ކޫލް ސްކޫލް" ޕްރޮޖެކްޓް މިއަދު ފަށައިފިއެވެ.

މާފުށީ ސްކޫލްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ޕްރޮޖެކްޓް އިފްތިތާހުކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ، "ކޫލް ސްކޫލް" ޕްރޮޖެކްޓަކީ އަގުބޮޑު ޕްރޮޖެކްޓެއް ކަމަށެވެ. އެހެންކަމުން އެހާ އަގުބޮޑު ޕްރޮޖެކްޓެއް އެޑިއުކޭޝަން މިނިސްޓްރީއަށް ކުރިއަށް ގެންދެވިދާނެތޯ، ބައެއް ފަރާތްތަކުން ސުވާލު ކުރާ ކަމަށްވެސް ވިދާޅުވިއެވެ.

"ޖަވާބަކީ ރައީސުލްޖުމްހޫރިއްޔާ ވިދާޅު ވަނީ ތައުލީމަށް ކުރާ ހޭދައަކީ އެއީ ގެއްލިގެންދާނެ އެއްޗެއް ނޫނޭ ތައުލީމަށްވުރެ މުހިއްމު ކަމެއް އެމަނިކުފާނަކަށް ނެތް، ތައުލީމު ދީގެން ކާމިޔާބު ދިރިއުޅުމެއް ހޯދައިދެވޭނީ. ތައުލީމު ދީގެން ވަޒީފާގެ ބާޒާރަށް ނެރެވޭނީ. ތައުލީމުދީގެން އުފާ ފާގަތި އާއިލާއެއް ބިނާ ކުރެވޭނީ. އެންމެ ފައިސާ ފޮޗެއް ތައުލީމަށް ހޭދަކުރަން ޖެހުނަސް މި ސަރުކާރުން ފަހަތަކަށް ނުޖެހޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މި ޕްރޮޖެކްޓްގެ ސަބަބުން ކަރަންޓުގެ ހަރަދަށް މާބޮޑު ބައެއް އިތުރުވެގެން ނުދާނެ ކަމަށެވެ.

"މާބޮޑު ވޭރިއޭޝަނެއް މި ޕްރޮޖެކްޓްގެ ފަރާތަކުން ނާދޭ، މިހާތަނަށް ބަލާލި ބަލާލުމުން އެނގެނީ މިހާރު ހޭދަކުރާ މިންވަރަށްވުރެ 38 އިންސައްތަ މި ޕްރޮޖެކްޓަށް އިތުރަށް ހޭދަ ވެގެންދާނެއޭ ކަރަންޓް ބިލަށް،" މިނިސްޓަރު ވިދާޅުވިއެވެ.

އެކަމަށްޓަކައި، މި ޕްރޮޖެކްޓްގެ އެންމެ މަދުވެގެންވެސް 30 އިންސައްތަ އިއާދަކުރަނިވި ހަކަތައިން ލިބޭނެގޮތް ފަރުމާކުރުމަށް ރައީސް އަންގަވާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ދެމެހެއްޓެނިވި ގޮތެއްގައި އެ ޕްރޮޖެކްޓް ކުރިއަށް ގެންދެވޭނީ އޭރުން ކަމަށްވެސް ވިދާޅުވިއެވެ.

މީގެ ކުރިން މިނިސްޓަރު ވިދާޅުވެފައި ވަނީ، މުޅި ރާއްޖޭގައި އޭސީ ކުރަންޖެހޭ ކްލާސްތަކުގެ އަދަދަކީ 4700 ނަމަ، 9400 އޭސީ ބޭނުން ވާނެ ކަމަށާއި ސްކޫލުތައް އޭސީކުރުމުގެ ކެޕިޓަލް ހަރަދަކީ ގާތްގަޑަކަށް 600 މިލިއަން ރުފިޔާ ކަމަށެވެ.

"އަހަރަކު ކިޔަވައިދެނީ 200 ދުވަސް ކަމުގައި ވެފައި، 15 ކިލާސް ޖާގަ ފިނިކުރަން ގާތްގަޑަކަށް 200x15x265 =795000 ރުފިޔާ ދާނެއެވެ. ރާއްޖޭގައި 212 މަދްރަސާ ހުރި ނަމަ، އަހަރެއްގެ އިލެކްޓްރިކް ހަރަދަކީ 168 މިލިއަން ރުފިޔާއެވެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އޭސީ ބެލެހެއްޓުމުގެ ހަރަދަށްވެސް އަހަރަކު 3.5 މިލިއަން ރުފިޔާ ހަރަދުވާނެއެވެ. އަދި މަރާމާތުގެ އަގަށް ވެސް އަހަރަކު ދިހަ މިލިއަން ހަރަދުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ އަހަރަކު ކުރަންޖެހޭ ހަރަދުގެ ޖުމުލަ އަގު 178.5 މިލިއަން ރުފިޔާއަށް އަރާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ކިލާސް ކޮޓަރިތައް ބަންދުކުރެވޭ ގޮތަށް ހެދުމުގެ ހަރަދަށް، 470 މިލިއަން ރުފިޔާ އަރާނެ ކަމަށް އަންދާޒާ ކުރެވެއެވެ. އަޅުގަނޑު ބެލީ ކޮންމެ ކިލާސްރޫމް އެއް އޭސީ ކުރެވޭގޮތަށް، ވައި ވަދެނުކުމެވާ ގޮތް ހުއްޓައި، ސީދާ އަވި ނުދޭގޮތް ހަދައި، އާނގަތައް ބަންދު ކޮށްދޭނީ މަދުވެގެން ގާތްގަނޑަކަށް 100000 ރުފިޔާއަށް ކަމަށެވެ. މިއީ ބައެއް ކިލާސްކޮޓަރިތަކަށް ބޮޑު އަދަދެކެވެ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މަދުރަސާތަކަށް އަލުން ކޭބަލް އެޅުމާއި ތްރީފޭސްގެ ހަތަރު ނަރުން ވައިރުކުރުމާއި ޑީބޯޑުތަކާއި ސްވިޗާއި ސޮކެޓާއި ކޭސިންއާއި އޭސީތައް ގަނެ ހަރުކުރުން ފަދަ ހަރަދުތައް ހިމަނައިގެން ހުރިހާ ކުލާސްތަކެއް އޭސީ ކުރުމުގެ ސާމާނުގެ އަގެއްކަމަށް އަޅުގަނޑު ލަފާކުރަނީ މަދުވެގެން 130 މިލިއަން ރުފިޔާއެވެ.

"އެހެންކަމުން، ރާއްޖޭގެ ހުރިހާ މަދަރުސާތަކެއް އޭސީކުރުމުގެ ކެޕިޓަލް ހަރަދަކީ ގާތްގަޑަކަށް 600 މިލިއަން ރުފިޔާކަމަށް މި ހިސާބުތަކުން ދައްކައެވެ." މިނިސްޓަރު ވިދާޅުވިއެވެ.