ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް ހަތަރު ވަނަ ދައުރަކަށް، މިހާރު އޮލިމްޕިކްސް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕި) އިންތިހާބުވެވޑައިގެންފިއެވެ.
ސްވިމިން އެސޯސިއޭޝަންގެ އިންތިހާބު އިއްޔެ ކުރިއަށް ގެންގޮސްފައިވާ އިރު، ސައްތާރު އިންތިހާބުވެވަޑައިގަތީ 96.97 ޕަސެންޓް ވޯޓުންނެވެ. ރައީސް ކަމުގެ އިތުރުން އެހެން މަގާމުތަކަށްވެސް، ކޮންމެ މަގާމަކަށް އެންމެ މީހަކު ކުރިމަތިލާފައި އޮތުމުން ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވާ އިރު، ރައީސް ކަމަށް ސައްތާރަށް ވޯޓު ދިން 66 މެމްބަރުންގެ ތެރެއިން 64 މެމްބަރުންނަށް އޭނާ އެ މަގާމަށް ފެންނަ ކަމަށް ވޯޓު ދިނެވެ.
ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސަކަށް އިންތިހާބުވީ، މިހާރު ވެސް އެ މަގާމު ފުރުއްވަމުން އަންނަ، އިސްމާއިލް އަލީއެވެ. އޭނާ އަށްވެސް ވޯޓުގައި ބައިވެރިވި، 66 މެމްބަރުންގެ ތެރެއިން 63 ވޯޓު ލިބުނެވެ. ސްވިމިން އެސޯސިއޭޝަނުގެ ކުރިއަށް އޮތް ދައުރުގެ ހަޒާން ދާރަކަށް އިންތިހާބު ކޮށްފައި ވަނީ އަލީ ޝަމީމެވެ. އޭނާއަށްވެސް 66 މެމްބަރުންގެ ތެރެއިން 63 މެމްބަރުންގެ ވޯޓު ލިބިފައިވެއެވެ.
އިއްޔެ ބޭއްވި އިންތިހާބުގައި ފަރުދީ މެންބަރުން ރިޕްރެޒެންޓްކުރާ އަންހެން މެންބަރަކަށް ރަހީމާ އާދަމް، ފަރުދީ މެމްބަރުން ރިޕްރެޒެންޓްކުރާ ފިރިހެން މެމްބަރަކަށް މުހައްމަދު ނައްވާރު އިބްރާހިމް އިންތިހާބުވި އިރު، ޓެކްނިކަލް އޮފިޝަލުން ތަމްސީލްކުރާ މެމްބަރުކަމަށް އިންތިހާބުވީ ހަސަން ސިރާރެވެ.
ކޯޗުން ތަމްސީލްކުރާ މެމްބަރަކަށް އަހުމަދު ފިރާސް އަފީފް ހޮވުނު އިރު، ކްލަބް ރިޕްރެޒެންޓްކުރާ މެމްބަރެއްގެ ގޮތުގައި އިންތިހާބުވީ، އަލީފް އަބްދުﷲ ނަސީމެވެ. އަލަށް އިންތިހާބުވި ހިންގާ ކޮމިޓީގެ ހަތަރު އަހަރުގެ ދައުރު ފަށާނީ އަންނަ މަހުގެ 25 އިން ފެށިގެންނެވެ.
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް