އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ފެން ލިބުން ދަތިވެ އެ މައްސަލަ އެ ގައުމުގެ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ދިއްލީއަށް ހޫނު ގަދަވެ އެ ސިޓީގައި ފެން ލިބުން ދަތިވެ ފެނަށް ޖެހުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް މިއަދު ހުށަހެޅީ އެ ސިޓީގެ ފަރާތުންނެވެ.

ކޯޓަށް ހުށަހެޅި މައްސަލައިގައި ދިއްލީގެ ސަރުކާރުން އެދިފައިވަނީ ހަރިޔާނާއާއި އުއްތަރަ ޕްރަދޭޝް އަދި ހިމާޝަލް ޕްރަދޭޝް ފަދަ ސިޓީތަކުން އެއް މަސް ދުވަސް ވަންދެން ދިއްލީއަށް ފެން ފޯރުކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށެވެ.

ހޫނުވުމުގެ ސަބަބުން ދިއްލީގައި ފެން ބޭނުންކުރާ ނިސްބަތް އާދަޔާ ހިލާފަށް އިތުރުވެފައިވާއިރު ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ވަނީ އެ ސިޓީގެ ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.