ރަސްމާލޭގައި ހިންގާނީ މޮޑިއުލާ ހައުސިންގެ ޕްރޮޖެކްޓެއް ކަމަށް ހައުސިން މިނިސްޓަރު ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރަސްމާލޭގައި ތަރައްގީކުރާ 15000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓް މަޝްރޫއު ކުރިއަށްގެންދިޔަ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ) އިންނެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ރަސްމާލޭގައި ހިންގާނީ މޮޑިއުލާ ހައުސިންގެ ޕްރޮޖެކްޓެއް ކަމަށާއި އެކަން ކުރެވޭނެ ގޮތްތައް މިނިސްޓްރީގެ ޓެކްނިކަލް ޓީމަކުން ޗައިނާއަށް ގޮސް ބަލައިފައިވާ ކަމަށެވެ.
"މޮޑިއުލާ ހައުސިންގެ ބޮޑު މަޝްރޫއެއް ކުރިއަށްގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވޭ. އެ މަޝްރޫއަކީ ރަސްމާލޭގައި ކުރިއަށްގެންދާ 15،000 ހައުސިން ޔުނިޓުގެ މަސައްކަތް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެ ހައުސިން ޔުނިޓުތައް ތަރައްގީކުރަނީ ވަރަށް ބާރު ސްޕީޑްގައި ކުރިއަށް ގެންދެވޭ ގޮތަށް ވަރަށް ކޮލިޓީކޮށް ކަމަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އެ މަޝްރޫއު ކުރިއަށްގެންދަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ސީއެސްސީއީސީން ޑީޓެއިލްޑް ކޮސްޓް އަދި ޓެކްނިކަލް ޕްރޮޕޯސަލް ވަރަށް އަވަހަށް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި އޭރުން އެގްރީމެންޓަކާ ހަމައަށް ގޮސް، އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، އެ މަޝްރޫއަށް ބޭނުންވާ ސާމާނުވެސް އުފައްދާނީ ރާއްޖޭގައި ކަމަށާއި އެކަމަށް ބޭނުންވާ ފެކްޓްރީ ރަސްމާލެ އިން ހިއްކޭ އެންމެ ފުރަތަމަ ބިމުގައި ހަދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު