ބައިނަލްއަގުވާމީ މާލީ އެހީތެރިކަމުގެ ނިޒާމު އިސްލާހު ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އެގޮތަށް ވިދާޅުވީ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހަތަރުވަނަ ބައިނަލްއަގުވާމީ މަހާސިންތާ (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު، ރާއްޖެއަށް އެނބުރިވަޑައިގަތުމަށް ފައްޓަވާފައިވާ ދަތުރުފުޅުގައި ޓްރާންސިޓްކޮށް ބާބެޑޯސްގައި މަޑުކުރެއްވުމުން، އެ ގައުމުގެ ސަރުކާރުން އަދާކުރި މެހެމާންދާރީއަށް ޝުކުރު އަދާކުރުމުގެ ގޮތުން ބޮޑުވަޒީރު މިއާ އަމޮރް މޮޓްލީއަށް ކުރެއްވި މެސެޖެއްގައެވެ.

ބާބެޑޯސްގެ ގްރާންޓްލޭ އެޑަމްސް އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ އެ ގައުމުގެ އެކްޓިން ފޮރިން މިނިސްޓަރު އަދި އެ ގައުމުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު، ސީ.ސަންދްރަވީ ހަޒްބަންޑްސް އާއި ޗީފް އޮފް ޕްރޮޓޮކޯލް މިސް ރެސާ ލޭންއެވެ.

ރައީސް އޮފީހުން ބުނީ، ރައީސް މުއިއްޒާއި ބާބެޑޯސްގެ ބޮޑުވަޒީރު މިއާ އަމޮރް މޮޓްލީ ފޯނުން ގުޅުއްވައިގެންވެސް ވާހަކަދެއްކެވި ކަމަށެވެ. އެގޮތުން ސިޑްސްގެ ކާމިޔާބީ ފާހަގަކުރައްވައި މޫސުމަށް އަންނަ ބަދަލުތަކުން ކުދި ޖަޒީރާ ގައުމުތަކަށް ކުރާ ނޭދެވޭ އަސަރުން ރައްކާތެރިވުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ކުދި ޖަޒީރާ ގައުމުތައް ގުޅިގެން މަސައްކަތްކުރުމާމެދު މަޝްވަރާ ކުރެއްވި ކަމަށް ބުންޏެވެ.

ރައީސް އޮފީހުން ބުނީ، ބާބެޑޯސް އިން ފުރާވަޑައިގަންނަވަމުން އެ ގައުމުގެ ބޮޑު ވަޒީރަށް ރައީސް މުއިއްޒު ފޮނުއްވެވި ޝުކުރުގެ ހާއްސަ މެސެޖުގައި، ސިޑްސްގެ ހަތަރުވަނަ މަހާސިންތާގައި ބައިނަލްއަގުވާމީ މާލީ އެހީތެރިކަމުގެ ނިޒާމު އިސްލާހުކޮށް، ކުދި ޖަޒީރާ ގައުމުތަކަށް ވެދޭ މާލީ އެހީ އިތުރުކުރުމަށް ބާރުއަޅުއްވައި ބާބެޑޯސްގެ ބޮޑުވަޒީރު ކުރެއްވި މަސައްކަތް ފާހަގަކުރައްވާފައިވާ ކަމަށެވެ.

އަދި އެކަމަނާގެ އެ މަސައްކަތުގެ ސަބަބުން ވަރަށް ބޮޑު ހިތްވަރެއް ލިބިވަޑައިގެންނެވި ކަމަށާއި ރާއްޖެއިންވެސް ވަކާލާތުކުރާ އެންމެ މުހިންމު އެއްކަމަކީ އެއީކަން ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.