އެއްގަމު އުޅަނދުފަހަރުގެ ތެރެއިން ބާ އުޅަނދުފަހަރު ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް އެ އުޅަނދުފަހަރު ދޫކޮށްލެވޭނެ "ބައިބެކް" ޕްރޮގުރާމެއް ހިންގުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، އެ މިނިސްޓްރީ ހެދި ސާވޭއަކުން ދައްކާ ގޮތުގައި 18 ޕަސެންޓާއި 21 ޕަސެންޓާ ދެމެދުގެ މީހުން، އެމީހުން ގެންގުޅޭ ބައެއް ވެހިކަލްތައް ދޫކޮށްލަން ބޭނުންވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ތަފާތު ފަހި ސްކީމްތަކުގެ ސަބަބުން ބޭނުންވާ ވަރަށް ވުރެ ގިނައިން ބައެއް މީހުން ވެހިކަލް ނަގާފައިވާ ކަމަށާއި ބައެއް ފަރާތްތަކުން ވެހިކަލް ދޫކޮށްލަން ބޭނުންވާ ކަމަށެވެ. އަދި އެ ފަދަ މީހުންނަށް ހާއްސަކޮށްގެން "ބައިބެކް" ޕްރޮގުރާމެއް ތައާރަފުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ބައި ބެކް ޕްރޮގްރާމެއް ހެދިއްޖެނަމަ މިހާރު އޮތް ހާލަތުން ރަނގަޅު ހާލަތަކަށް ބަދަލުވެގެން ދާނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، "ބައިބެކް" ޕްރޮގުރާމަކީ އަންނަ ހަފުތާގައި ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ނިންމާފައިވާ "މާލެ ފަހި" ޕްރޮގުރާމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު