ކުރިއަށް އޮތް ޔޫރޯ 2024ގައި ވާދަކުރަން ބެލްޖިއަމް އިން އިއުލާން ކުރި 25 ކުޅުންތެރިންގެ ސްކޮޑުން ރެއާލް މެޑްރިޑްގެ ގޯލްކީޕަރު، ތީބޯ ކޯޓުއާ ބާކީކޮށްފިއެވެ.

ގައުމީ ޓީމަށް 102 މެޗު ކުޅެފައިވާ ކޯޓުއާއަށް މި ފަހަރުގެ ކްލަބު ސީޒަން އެއްކޮށް ކަހަލަ ގޮތަކަށް ގެއްލުނީ އޭސީއެލް އަނިޔާއެއްގެ ސަބަބުންނެވެ. ސީޒަން ފެށިއިރުވެސް ކޯޓުއާ އަނިޔާގައި ހުރި އިރު، އޭނާ ރެއާލް ޓީމަށް އެނބުރި އައީވެސް ލީގުގެ ފަހު މެޗަށެވެ. ނަމަވެސް ކޯޓުއާ ފިޓްކޮށް ހުރުމާއެކު، ރެއާލުން ކުރިއަށް ކުޅެން އޮތް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބްރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް އޭނާ ނުކުންނާނެ ކަމަށް ބެލެވެއެވެ.

ބެލްޖިއަމް ގައުމީ ޓީމުގެ ކޯޗު، ޑޮމެނިކޯ ޓެޑެސްކޯ ބުނެފައި ވަނީ އުމުރުން 32 އަހަރުގެ ތަޖުރިބާކާރު، މޮޅު ގޯލްކީޕަރު ކޯޓުއާ ނުނެގީ ފިޓްކޮށް ތިބި ކުޅުންތެރިންނަށް ސަމާލުކަން ދިނުމަށް ވިސްނާތީ ކަމަށެވެ. އަދި އެއްވެސް ކުޅުންތެރިޔަކު ސްކޮޑަށް ނެގުމުގައި އެއްވެސް ރިސްކެއް ނަގަން ބޭނުން ނުވާ ކަމަށްވެސް ކުރިން ލެއިޕްޒިގަށް ކޯޗުކަން ކޮށްދިން ޓެޑެސްކޯ ބުންޏެވެ.

ކޯޓުއާގެ ބަދަލުގައި ބެލްޖިއަމް ޓީމަށް ނެގި ތިން ކީޕަރުންނަކީ ވުލްވްސްބާގުގެ ކޮއެން ކަސްޓީލްސްއާއި ލުޓޮންގެ ކީޕަރު ތޯމަސް ކަމިންސްކީ އަދި ނޮޓިންހަމް ފޮރެސްޓްގެ މެޓްސް ސެލްސްއެވެ.

ހަބަރުތައް ބުނާ ގޮތުން، ބެލްޖިއަމްގެ ކެޕްޓަނެއް ނެގުމުގައި ޓެޑެސްކޯ، ކޯޓުއާއަށް ނުވިސްނުމުން އެ ދެ މީހުންގެ ދޭތެރޭގައި ވަނީ މައްސަލަ ގޯސްވެފައެވެ. އަދި ގައުމީ ޓީމަށް ނެގުމުންވެސް ކޯޓުވާ ޓީމާއެކު ދަތުރު ނުކުރާނެ ކަމަށް ބުނެފައިވާ ކަމަށްވެސް ނޫސްތައް ބުނެއެވެ.

ޓެޑެސްކޯ މީގެ ދުވަސްކޮޅެއް ކުރިން މީޑިއާގައި ކޯޓުއާގެ ވާހަކަ ވަނީ ދައްކައިފައެވެ. އޭނާ ބުނީ ކޯޓުއާ އަމިއްލައަށްވެސް ޔޫރޯއަށް ތައްޔާރު ނޫން ކަމަށް ބުނެފައިވާ ކަމަށެވެ.

ބެލްޖިއަމްގެ ސްކޮޑުގައި ހިމެނު ކުޅުންތެރިންގެ ތެރޭގައި އެތުލެޓިކޯ މެޑްރިޑްގެ އެލެކްސް ވިޓްސެލްއާއި މެންޗެސްޓާ ސިޓީގެ ކެވިން ޑި ބްރޭނާއާއި ޖެރެމީ ޑޮކޫ އަދި ރޯމާގެ ފޮވަޑް، ގައުމީ ޓީމުގެ ރެކޯޑު ގޯލު ޖެހުންތެރިޔާ ރޮމެލޫ ލުކާކޫ، އާސެނަލްގެ ލެއާންޑްރޯ ޓްރޮސާޑް އަދި އަޓަލާންޓާގެ ޗާލްސް ޑެ ކަޓަލެއާ ހިމެނެއެވެ.