ފަލަސްތީންގެ 1،000 މީހަކަށް މި އަހަރު ހިލޭ ހައްޖުވުމުގެ ފުރުސަތު ދެއްވުމަށް ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒު އަމުރު ކުރައްވައިފިއެވެ.
ސައުދީ ރަސްގެފާނު އެ އަމުރު ނެރުއްވީ އިއްޔެ ބޭއްވި ކެބިނެޓު ބައްދަލުވުމުގައެވެ. ހިލޭ ހައްޖުވުމުގެ ފުރުސަތު ދެއްވަން ސައުދީ ރަސްގެފާނު ނިންމެވި މީހުންގެ ތެރޭގައި ހިމެނޭނީ އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ޝަހީދުވެފައިވާ މީހުންނާއި ޒަހަމްވި މީހުންނާއި އިޒްރޭލު ޖަލުތަކުގައި ތިބި ފަލަސްތީނުގެ މީހުންގެ އާއިލާ މީހުންގެ ތެރެއިން ހޮވާލެވޭ މީހުންނަށެވެ.
ސައުދީ ގެޒެޓް ނޫހުގައި ބުނެފައިވާ ގޮތުން ސައުދީ ރަސްގެފާނުގެ ހާއްސަ މެހެމާނުންގެ ގޮތުގައި މި އަހަރު 2،322 މީހަކަށް ހިލޭ ހައްޖުވުމުގެ ފުރުސަތު ދެއްވާނެއެވެ.
އޭގެ ތެރޭގައި ހިމެނެނީ ފަލަސްތީނުގެ 1000 މީހުންގެ އިތުރުން 88 ގައުމަކުން 1300 މީހުންނާއި އެއްހަށިގަނޑުން ގުޅިފައި ތިބި މީހުންގެ ތެރެއިން ސައުދީގައި ހަށިގަނޑު ވަކިކުރި ކުދިންގެ އާއިލާތަކުން 22 މީހުންނެވެ،
ސައުދީ ރަސްގެފާނުގެ ހާއްސަ މެހެމާނުންގެ ގޮތުގައި ހިލޭ ހައްޖުވުމުގެ ފުރުސަތު ދެއްވަން ފެއްޓެވީ މީގެ 26 އަހަރަށްވުރެ ކުރިންނެވެ. އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 60،000 އަށްވުރެ ގިނަ އަންހެނުންނާއި ފިރިހެނުންނަށް ހިލޭ ހައްޖުވުމުގެ ފުރުސަތު ދެއްވާފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ