ފަތުރުވެރިޔަކު ކ. ތުލުސްދޫއަށް ކުއްތާއެއް ބޭލި މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ.

ކ. ހިއްމަފުށީ ބޭރުގައި އޮތް ޔޮޓަކުން ތުލުސްދޫއަށް ކުއްތާއެއް ބާލާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަން ފެށުމުން ފުލުހުންގެ ބެލުމުގެ ދަށުން އެ ކުއްތާ ވަނީ ރަށުން ބޭރުކޮށްފައެވެ. ނަމަވެސް އެ ކުއްތާއަކީ ހުއްދަ ލިބިގެން ރާއްޖެ އެތެރެ ކޮށްފައިވާ ކުއްތާއެއް ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ކަސްޓަމްސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ފަތުރުވެރިޔާ، ރާއްޖެއަށް ކުއްތާ އެތެރެކޮށްފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު ޑިފެންސް މިނިސްޓްރީން ދީފައިވާ ހުއްދައެއްގެ ދަށުން ކަމަށެވެ. ނަމަވެސް އެ ހުއްދަ ދީފައިވަނީ އެ ކުއްތާ ޔޮޓުގައި ޕެޓް ޑޯގެއްގެ ގޮތުގައި ގެންގުޅުމަށް އެކަނި ކަމަށާއި ޔޮޓު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރި ނަމަވެސް، ކުއްތާ ޔޮޓުން ނުބޭލޭނެ ކަމަށް ހުއްދައިގައި ބަޔާންކޮށްފައިވާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

"ނަމަވެސް ހުއްދައާ ހިލާފަށް، ކުއްތާ ޔޮޓުން ބާލައިގެން ރާއްޖޭގެ ރަށެއްގައި ގެންގުޅެފައިވާ ކަމަށް ބެލެވޭތީ، މި މުއައްސަސާ އިން މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ވާހަކަ ދެންނެވީމެވެ" ކަސްޓަމްސް އިން ބުންޏެވެ.