ދެމެހެއްޓެނިވި ގޮތެއްގައި ކުދި ޖަޒީރާ ގައުމުތައް ތަރައްގީ ކުރެވޭނީ އަމިއްލަ ވިޔަފާރިތައް ބާރުވެރި ކުރުވައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެންޓިގޫއާ އެންޑް ބާބޫޑާގައި ކުރިއަށްދާ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ގްލޯބަލް ބިޒްނަސް ނެޓްވޯކް ބައްދަލުވުން ނިންމުމުގެ ހަފުލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ރޭ ވިދާޅުވީ، ކުދި ޖަޒީރާ ގައުމުތަކުގެ އިގުތިސޯދީ އިންޖީނު ނުހުއްޓި ހިންގުމާއި ތަރައްގީގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ޕްރައިވެޓް ސެކްޓާއިން އަދާކުރާ ދައުރު މުހިންމު ކަމަށެވެ. އަދި ގައުމު ކުރި އަރައިގެންދާނީ ޕަބްލިކް ސެކްޓާ އާއެކު ޕްރައިވެޓް ސެކްޓާވެސް ކުރިއަރައިގެން ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޕްރައިވެޓް ސެކްޓާ ބާރުވެރިކުރުވުމަށް ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ޒުވާން ވިޔަފާރިވެރިންނަށް އިންވެސްޓްމަންޓް ލިބޭނެ މަގުފަހިކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން އަމިއްލަ ވިޔަފާރިތަކަށް ފައިނޭންސް ހޯދޭނެ ފަސޭހަ ގޮތްތައް ހޯދައިދިނުމަކީ އެ ގައުމެއްގެ ސަރުކާރުގެ ޒިންމާއެއް ކަމަށާއި އެގޮތުން ވިޔަފާރިތަކަށް ފަހިވާނެ ގޮތަށް ގާނޫނާއި ގަވައިދުތައް އެކުލަވާލުން ފަދަ ކަންކަން ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.

"ވިޔަފާރިތަކަށް ލުއި ގޮތްތައް ހޯދައިދީ އެކުގައި މަސައްކަތް ކުރުމާއި ވިޔަފާރިތައް ފުޅާކުރުމަށް އެހީތެރިވެދީ، މާލީ އެހީތެރިކަން ހޯދޭނެ އާ މަގުތައް ކޮށައިދިނުމަކީ ސަރުކާރުތަކުގެ ޒިންމާއެއް،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ ގައުމު ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް މިހާރަށްވުރެ ބާރުވެރިކުރުވުމަކީ ވެސް މުހިންމު ކަމެއް ކަމަށާއި އަމިއްލަ ވިޔަފާރިތައް ބާރުވެރިކުރުވުމުން، ވެރިކަމުގެ ނިޒާމުވެސް ބާރުވެރިވާ ކަމަށެވެ.