މިއަހަރުގެ ބޮޑު އީދު ގައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ރަށްތައް ހެރިޓޭޖް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ހެރިޓޭޖް މިނިސްޓްރީން މިއަދު ބުނީ ގައުމީ ފެންވަރުގައި އީދު ފާހަގަ ކުރަން ހަމަޖެހިފައި ވަނީ ތިން ރަށެއްގައި ކަމަށެވެ. އެއީ ރ. އުނގޫފާރު، ދ. ކުޑަހުވަދޫ އަދި ގއ. ވިލިނގިލި ކަމަށެވެ.

އެ ތިން ރަށުގައި އީދު ފާހަގަ ކުރުމަށް ނިންމީ، އެކި ރަށްރަށުން ހުށަހަޅައިފައިވާ ޕްރޮޕޯސަލްތައް ބެލުމަށްފަހު އެންމެ ރަނގަޅު ހުށަހެޅުންތައް ހުށަހަޅާފައިވަނީ އެ ތިން ރަށުން ކަމަށްވުން ކަމަށް ހެރިޓޭޖުން ބުންޏެވެ.

ރަށްތައް ކަނޑައަޅާފައި ވަނީ އެ ރަށަކުން އީދުގައި ކުޅޭނެ ކުޅިވަރުތަކާއި ކައުންސިލުން އެކަމަށް ކުރާނެ ހަރަދުތަކާއި އަގަކާ ނުލައި އެ ރަށަކުން ކުރާނެ ކަންތައްތަކަށް ބެލުމަށްފަހު ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ރަށްތައް ކަނޑައެޅުމުގައި އުތުރާއި މެދުން އަދި ދެކުނުގެ ކޮންމެ ހިސާބަކުން އެއް ރަށުގައި އީދު ފާހަގަކުރުމަށް އިސްކަން ދީފައިވާނެ ކަމަށެވެ.

މި އަހަރުގެ ބޮޑު އީދު ދުވަހަކީ ޖޫން 17 އެވެ. ހައްޖު ދުވަހާއި އީދު ދުވަހާ އެކު، ޖޫން 16 އިން ފެށިގެން ޖޫން 22 އާ ހަމައަށް ސަރުކާރު ބަންދުވެއެވެ. ހައްޖު ދުވަހަކީ ޖޫން 16 އެވެ.