ރާއްޖޭގެ ރަސްމީ ފުޓުބޯޅަ ދަނޑު، ގައުމީ ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ސިފައިންގެ ވެލްފެއާ ޕްރައިވެޓް ލިމިޓެޑް (ސިވެކް) އާ ހަވާލުކޮށްގެން، ޔޫތު މިނިސްޓްރީން ކުރިއަށްގެންދާ މަސައްކަތަކީ ގާތް ގަނޑަކަށް ހަތަރު މިލިއަން ރުފިޔާގެ މަސައްކަތެކެވެ. އެއްބަސްވުމުގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ލައިޓްތަކުގެ މިހާރުގެ ހާލަތު ބެލުމަށް ފަހު، ބަދަލުކުރަން ޖެހޭ ލައިޓްތައް ބަދަލުކުރުމާއި މުޅި ލައިޓް ސިސްޓަމްގެ ވަޔަރިން ބަދަލުކުރުމުގެ އިތުރުން ލައިޓިން ސިސްޓަމްގެ އެހެނިހެން މަރާމާތުތައް ކަންކަން ހިމެނެއެވެ.

ދަނޑުގެ ލައިޓިން މަރާމާތުކުރުމުގެ މަސައްކަތުގައި ފުރަތަމަ ކުރިއަށް ގެންދިޔައީ ލައިޓްތަކަށް ލިބިފައިވާ ގެއްލުންތައް ބަލައި އެކަންތައްތައް ދެނެގަތުމުގެ މަސައްކަތެވެ. އޭގެ ފަހުން މިހާރު ވަނީ ލައިޓްތައް މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ފަށައިފައެވެ.

މިދިޔަ ފަސް އަހަރަށް ބަލާއިރު، ގަލޮޅު ދަނޑުގެ ލައިޓްތަކުގެ މައްސަލަ ޖެހި ފުޓްބޯޅަ ސީޒަންގެ މެޗުތައް ކުރިއަށް ގެންދިޔުމަށް ދަތިތައް ދިމާވިއެވެ. އެންމެ ފަހުން މިދިޔަ އޮގަސްޓް މަހު ދަނޑުގެ ލައިޓްތައް ވަރަށް ބޮޑަށް މައްސަލަ ޖެހި ބޭނުން ނުކުރެވޭ ވަރު ވަނީ ވެފައެވެ. އެހެންވެ އެންމެ ފަހުން މިދިޔަ ޑިސެމްބަރު މަހު ބޭއްވި ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ މެޗުތައްވެސް ކުޅެން ޖެހުނީ ހަވީރުއެވެ. ރޭގަނޑު މެޗުތައް ނުކުޅެވުމުގެ ސަބަބުން މުބާރާތުގެ މެޗުތައް ދޮޅުމަހަށް ވުރެ ދިގުލައިގެން ދިޔައެވެ.

ސިފައިންގެ ވެލްފެއާ ޕްރައިވެޓް ލިމިޓެޑް (ސިވެކް) އިން ކުރަމުން އަންނަ ލައިޓްތައް މަރާމާތުކުރުމުގެ މަސައްކަތް އަންނަ މަހުގެ ކުރީކޮޅު ނިންމައިލެވެނޭ ކަމަށް ބެލެވޭ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.