މަހެއްހާ ދުވަހުގެ ބޮޑު ޗުއްޓީ އަށްފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދު ފަށައިފިއެވެ.
ދިރާސީ އަހަރު މިއަދު ފަށާފައިވަނީ 96،000 ދަރިވަރުންނާ އެކު ކަމަށެވެ. އޭގެ ތެރެއިން 40،300 ދަރިވަރުންނަކީ އަންހެން ދަރިވަރުންނެވެ. 42،700 ދަރިވަރުންނަކީ ފިރިހެން ދަރިވަރުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި 96،000 ދަރިވަރުންގެ ތެރެއިން 17،000 އެއްހާ ދަރިވަރުންނަކީ މާލޭ ސަރަހައްދުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނެވެ. ޕްރައިވެޓް ސްކޫލްތަކުގައި އެލްކޭޖީ އިން ފެށިގެން ގްރޭޑް 12 އާ ހަމައަށް 13،000 ދަރިވަރުން ތައުލީމު ހާސިލުކުރާނެއެވެ. އޭގެ ތެރެއިން 9،000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލު ކުރާނީ މާލޭ ސަރަހައްދުގައި ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ދިރާސީ އާ އަހަރު މާލޭ ސަރަހައްދުގެ ގްރޭޑް އެކަކަށް އަލަށް 2،250 ދަރިވަރުން ވައްދާފައިވާއިރު، މާލޭ ސަރަހައްދުގެ ގްރޭޑް އެކެއް ފިޔަވާ އެހެން ގްރޭޑުތަކަށް ވަންނަން 2،081 ދަރިވަރުން ހުށަހެޅިއެވެ. އަދި ދިރާސީ އާ އަހަރަށް އަތޮޅުތެރޭގެ ސްކޫލްތަކުން މާލޭ ސަރަހައްދުގެ ސްކޫލްތަކަށް 1،126 ދަރިވަރުން ބަދަލުވެފައިވާއިރު، މާލޭ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް 1،000 އެއްހާ ދަރިވަރުން ވަނީ ބަދަލުވެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި، ދިރާސީ އާ އަހަރު ސަރުކާރު ސްކޫލުތަކުގައި 12،662 ޓީޗަރުން މަސައްކަތް ކުރާނެއެވެ. އޭގެ ތެރެއިން ދިވެހި ޓީޗަރުންގެ އަދަދަކީ 10،729 އެވެ. ބިދޭސީ ޓީޗަރުންގެ އަދަދަކީ 1،933 ކަމަށެވެ.
މި ދިރާސީ އަހަރުގައި ސަރުކާރުގެ 162 ސްކޫލެއް އެއް ދަންފަޅިއަކަށް ކިޔަވައިދޭއިރު 52 ސްކޫލެއް ދެ ދަންފަޅިއަކަށް ކިޔަވައިދޭނެ ކަމަށެވެ. އަދި ހަ ސްކޫލެއްގައި ސެޓްލައިޓް މަފްހޫމަށް ކިޔަވައިދޭނެއެވެ. ސެޓެލައިޓްކޮށް ކިޔަވައިދޭނެ ސްކޫލްތަކަކީ ފެހެންދޫ ސްކޫލް، ފުޅަދޫ ސްކޫލް، ކޮނޑޭ ސްކޫލް، ރަކީދޫ ސްކޫލް، ވ. ތިނަދޫ ސްކޫލް އަދި އދ. ދިއްދޫ ސްކޫލެވެ.
ޚަބަރު
ޚަބަރު
ޚަބަރު