ކުރިޔަށް އޮތް ދެ ދުވަހު ރާއްޖޭގެ ބޮޑު ސަހަރައްދަކަށް މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފިއެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ ކުރިޔަށް އޮތް 24 ގަޑި އިރު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވާރޭ ވެހޭނެ ކަމަށެވެ. ނަމަވެސް ފާއިތުވި ހަފުތާއާ އަޅައި ބަލާ އިރު މޫސުން ކޮންމެވެސް ވަރަކަށް ރަނގަޅުވަމުން އަންނަ ކަމަށެވެ.

"ރާއްޖޭގެ ދެކުނުގެ އައްޑޫ ސިޓީން ފެށިގެން ލ. އަތޮޅަށް 8 މޭލާއި 18 ދެމެދު ވައި ޖެހެނީ. ކަނޑުތައްވެސް މަޑު. މެދު ރާއްޖެތެރެއަށް ގަދަ އަދިވެސް. ވައިގެ ބާރުމިން 15 މޭލާއި 25 މޭލާ ދެމެދު. މަޑު މަޑުން ދަށްވަމުންދަނީ. މާދަމާ އަދި ތަންކޮޅެއް ރަނގަޅުކޮށް ފެންނަނީ. މިހާރު ދަތުރުފަތުރުކޮށްލެވޭ ވަރުވާނެ،" މެޓް އޮފީހުން ބުންޏެވެ.

މެޓުން އޮފީހުގެ އޮފިޝަލް އިތުރަށް ވިދާޅުވީ މެދުރާއްޖެތެރޭ އަދި އުތުރުގެ ކަނޑުތައް މަޑުނުވާ ކަމަށެވެ. އަދި ވޭތުވެދިޔަ 24 ގަޑި އިރު އެންމެ ގިނައިން ވާރޭ ވެހުނީ ލ . މާވަށަށް ކަމަށާއި އެއީ 95 މިލިލީޓަރުގެ ވާރޭ ކަމަށެވެ.

މޫސުން ގޯސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރަމުންދާތީވެ، ކަމާ ބެހޭ ފަރާތްތަކުން އަންނަނީ މޫސުމަށް ސަމާލުވެ، ކަންކަން ކުރުމަށް އިލްތިމާސްތައް ކުރަމުންނެވެ. އަދި ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށްވެސް ދަނީ އިލްތިމާސް ކުރަމުންނެވެ.

މި ދުވަސްވަރަކީ މުޅި ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރަކަށްވާތީ، މާދަމާ ފަށާ ދިރާސީ އާ އަހަރުގެ ފުރަތަމަ ތިން ދުވަހުގެ ކިޔެވުން ކުރުކުރަން އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އަންގައިފައެވެ.