ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންޓިގާ ބާބުޑާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ މި މަހުގެ 27ގައި ކުރިއަށް ބާއްވާ އެ ސަމިޓްގެ ޕްލީނަރީ ސެޝަންގައި ރާއްޖޭގެ ގައުމީ ބަޔާން ރައީސް އިއްވާނެ ކަމަށެވެ. އަދި ސިޑްސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ބޭރު ގައުމުތަކުގެ ވަފުދުތަކުގެ މަތީފަންތީގެ ބައެއް ބޭފުޅުންނާ އެ މަނިކުފާނު ބައްދަލުކުރައްވާނެ ކަމަށް ބުންޏެވެ.

ރައީސް މުއިއްޒަކީ އދ. އިން އިންތިޒާމުކުރާ މި ކޮންފަރެންސްގެ ނައިބު ރައީސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މި ކޮންފަރެންސްގައި ހިމެނޭ ފަސް އިންޓަރެކްޓިވް ޑައިލޮގުގެ ކޯޗެއާއެވެ.

ސިޑްސްގެ މި ކޮންފަރެންސަކީ ކޮންމެ ދިހަ އަހަރަކުން އެއްފަހަރު ބާއްވާ ކޮންފަރެންސެކެވެ. ހަތަރުވަނަ ސިޑްސްގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޕްރޮގްރާމް ފޯ އެކްޝަން އެޑޮޕްޓްކުރުން ނުވަތަ ސިޑްސްގެ ހަރަކާތްތައް މުސްތަގުބަލުގައި ކުރިއަށްގެންދާނެ ގޮތެއް އެކަށައެޅުމެވެ.

ސިޑްސް ހަތަރެއްގެ މި އަހަރުގެ ޝިއާރަކީ "ޗާޓިން ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ" އެވެ. މި ޝިއާރާ އެއްގޮތަށް މި އަހަރުގެ ސިޑްސް ކޮންފަރެންސްގައި ތިމާވެށީގެ ގޮތުން ނާޒުކު އަދި ކުދި ގައުމުތަކަށް ފާގަތިކަމާއި ވިލުންތެރިކަން ހާސިލުކުރުމަށް މަގުކޮށައިދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމައިފައެެވެ.