ގާޒާގެ ރަފާއަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލަން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ނުވަތަ ދުނިޔޭގެ ކޯޓުން އިޒްރޭލްގެ މައްޗަށް ކުރި އަމުރު ތަންފީޒުކޮށް، ހަމަލާތައް ވަގުތުން ހުއްޓާލަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ގާޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓުވުމުގެ އިތުރުން ރަފާއަށް އިޒްރޭލު ސިފައިން އަރައިގަތުން ހުއްޓުވައިދީ އިންސާނީ އެހީ ގާޒާއަށް ވެއްދުމުގެ އަމުރެއް ނެރެދިނުމަށް އެދި ދެކުނު އެފްރިކާ އިން އައިސީޖޭ އަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ ރަފާގެ ދިރިއުޅޭ ފަލަސްތީން ރައްޔިތުންނަށް ގެއްލުން ލިބޭ ގޮތަށް އިޒްރޭލުން ހިންގާ އަސްކަރީ ހަރަކާތްތައް ވަގުތުން ހުއްޓާލުމަށެވެ.
އޭގެ އިތުރުން ރަފާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން މިސްރުން ރަފާއަށް ވަންނަން އޮންނަ ހަމައެކަނި މަގު ވީ އެންމެ އަވަހަކަށް ހުޅުވާލުމަށާއި ރަފާގައި ހަރަކާތްތެރިވާ އިޒްރޭލުގެ އަސްކަރީ ސިފައިން ވަގުތުން ފޭބުމަށްވެސް އަމުރުކުރިއެވެ.
އެ އަމުރަށް ރާއްޖެއިން މަރުހަބާ ކިޔާކަން ފާހަގަކުރައްވައި ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަފާގައި ހިންގާ ލާއިންސާނީ އަނިޔާތައް އިޒްރޭލުން ހުއްޓާލައި، ރައްކާތެރިކަމާއެކު އިންސާނީ އެހީ ވެއްދުމަށް ރަފާ ބޯޑަރު ހުޅުވާލަންޖެހޭ ކަމަށެވެ.
އަދި ރަފާއަށް ދޭ ހަމަލާތައް ހުއްޓާލުން ވާނީ އަމާންކަމަށް އެޅޭ ފިޔަވަޅެއް ކަމަށާއި ނަމަވެސް ދާއިމީ އަމާންކަން ލިބޭނީ 1967 ގައި ފަލަސްތީނާއި އިޒްރޭލުގެ ބޯޑަރު ބެހުމުގެ ކުރިން އޮތް ގޮތަށް ރުޖޫއަވެ، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރި ރަށް ކަމަށް ހަދައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު