އިންޑިއާގެ ބެންގަލޫރުގެ ތިން ހޮޓަލަކަށް ބޮމުގެ އިންޒާރު ދީފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން، ބެންގަލޫރުގެ މަޝްހޫރު ތިން ހޮޓަލަކަށް އީމެއިލް މެދުވެރިކޮށް ދީފައިވާ އެ އިންޒާރުގައި ބުނެފައިވަނީ ތިން ގަޑިއިރު ތެރޭ އެ ބޮންތައް ގޮއްވާލާނެ ކަމަށެވެ. އިންޒާރާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ވަނީ އެ ސިޓީގެ އެލާޓު ލެވެލް މަތިކޮށް އޮޕަރޭޝަނެއް ފަށައިފައެވެ. އެގޮތުން ބޮން ނައްތާލާ ޓީމުތައް ވަގުތުން އެ ސަރަހައްދުތަކަށް ވަނީ ފޮނުވައިފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިހާތަނަށް ބެލި ބެލުމުން އެއްވެސް ނުރައްކަލެއް ފާހަގަވެފައެއް ނުވެއެވެ. އެހެންވެ އެއީ މި ފަހުން އިންޑިއާގެ އެކި ހިސާބުތަކަށް ލިބެމުން އަންނަ ފޭކު މެއިލް އިންޒާރުތަކުގެ ތެރެއިން ލިބުނު އިންޒާރެއް ކަމަށް ވަނީ ނިންމައިފައެވެ.

ދާދި ފަހުން ބެންގަލޫރުގެ ސްކޫލްތަކަކާއި ހޮސްޕިޓަލުތަކެއްވެސް ގޮއްވާލާނެ ކަމުގެ އިންޒާރުދީ މެއިލް މެދުވެރިކޮށް ވަނީ ދީފައެވެ.