އޮލިމްޕިކްސްއަށް ފުރުސަތު ދިނުމުގައި ވަކި އެތުލީޓަކަށް މޮޅު ގޮތެއް ހޯދައިދީ ބޭއިންސާފުން ދުވަހަކުވެސް ކަންތައް ކޮށްފައި ނުވާނެ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިއްޔެ ބުނެފިއެވެ.

އެތުލެޓިކްސްއިން އިއްޔެ ނޫސްތަކަށް ބުނެފައި ވަނީ ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާގައި ހަގީގަތް އޮޅޭ ގޮތަށް ވާހަކަތައް ދައްކާފައިވާތީއެވެ. އެސޯސިއޭޝަނުން ބުނީ އެ އެސޯސިއޭޝަނުގެ އިތުބާރު ގެއްލޭ ގޮތަށް ވާހަކަތައް ފެތުރުމަކީ ހިތާމަކުރާ ކަމެއް ކަމަށާއި އެތުލެޓިކްސްއިން އޮލިމްޕިކްސްއިން ލިބޭ ފުރުސަތުގައި އެތުލީޓުން ފޮނުވަނީ ރޭންކިން ސިސްޓަމެއްގެ ތެރެއިން ކަމަށެވެ.

ނަވާރަ ސަތޭކަ އަށްޑިހަ އަށަކުން ފެށިގެން، ރާއްޖެއިން އޮލިމްޕިކްސްގެ ސްވިމިން އާއި އެތުލެޓެކްސް އިވެންޓުގައި ދިޔައީ ބައިވެރިވަމުންނެވެ. އެއީ އޮލިމްޕިކް ކައުންސިލްގެ ދައުވަތުގައި ދޭ ސްލޮޓްތަކުގައެވެ. ޓްރައިޕާޓައިޓް ފުރުސަތުތަކުން ރާއްޖެއަށް ލިބޭ ފުރުސަތުތަކުގައި ދުނިޔޭގެ އޮލިމްޕިކްސް ކޮމިޓީން ފުރުސަތު ދެނީ 100 މީޓަރާއި 800 މީޓަރު އަދި މެރަތަން އަށެވެ. އަދި އެ ފުރުސަތުތައް ދެވެނީ އެ ގައުމެއްގެ ރޭންކިން ކަނޑައަޅާ ޕޮއިންޓް އުސޫލުގެ ތެރެއިން އެންމެ ރަނގަޅު އެތުލީޓެވެ.

މެރަތަންއަށް ނަން ހުށަހަޅަން އޭޕްރީލް 23 އަށް މުއްދަތު ހަމަވާ އިރު، 100 މީޓަރާއި 800 މީޓަރު އިވެންޓަށް އެތުލީޓުންގެ ނަން ހުށަހަޅަން އޮތް މުއްދަތު ހަމަވާނީ މި މަހުގެ ނިޔަލަށެވެ. އެހެންކަމުން އެތުލެޓިކްސް އެސޯސިއޭޝަނުން ދަނީ ޓައިމް ޓްރަޔަލްތައް ބާއްވަމުންނެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ މިހާތަނަށް އައި އިރު، އެންމެ ރޭންކިން ކުރީގައި އޮތް އެތުލީޓުންވެސް އިއްޔެ ނޫސްވެރިންނާ ހިއްސާ ކޮށްފައެވެ. އެސޯސިއޭޝަނުން އިއްޔެ ބުނީ މިއަހަރުގެ ރޭންކިން އަށް ބަލާއިރު 23 އޭޕްރީލް 2024ގެ ނިޔަލަށް ރާއްޖޭގެ އަންހެން ރޭންކިން އެންމެ ކުރީގައި އުޅެނީ 100 މީޓަރު ދުވުން 12.20 ނިންމައިގެން 960 ޕޮއިންޓް ހޯދި އެތުލީޓެވެ. އެއީ މަރިޔާމް ރޫޔާއެވެ. މިވަގުތު ބީޓް ކުރުމަށްފަހު މެރަތަން އަށް އަންހެން އެތުލީޓަކު ފޮނުވާނަމަ އެ އެތުލީޓަކު މެރަތަން ދުވަން ޖެހޭނީ 2 ގަޑި 48 މިނެޓް 11 ސިކުންތަށް ވުރެ އަވަހަށެވެ. ރާއްޖޭގެ މެރަތަން ގައުމީ ރިކޯޑަކީ 3 ގަޑި 2 މިނެޓް 41 ސިކުންތެވެ.

މިއަހަރުގެ ރޭންކިން އަށް ބަލާއިރު 23 އޭޕްރީލް 2024 ގެ ނިޔަލަށް ރާއްޖޭގެ ފިރިހެން ރޭންކިން އެންމެ ކުރީގައި އުޅެނީ 100 މީޓަރު ދުވުން 10.61 ނިންމައިގެން 1005 ޕޮއިންޓް ހޯދި އެތުލީޓެވެ. އެއީ އިބާދުﷲ އާދަމެވެ.

އެސޯސިއޭޝަނުން ބުނީ މިހާރު ރޭންކިން ހާލަތު އޮތް ގޮތުން، އެވަގުތު ބީޓް ކުރުމަށްފަހު މެރަތަން އަށް އެތުލީޓަކު ފޮނުވާނަމަ، އެ އެތުލީޓަކު މެރަތަން ދުވަން ޖެހޭނީ 2 ގަޑި 19 މިނެޓް 39 ސިކުންތުންނެވެ. ރާއްޖޭގެ ފިރިހެން މެރަތަން ރިކޯޑަކީ 2 ގަޑި 29 މިނެޓް 48 ސިކުންތެވެ.