މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހަސަން ޒަރީރު އައްޔަނުކުރައްވައިފިއެވެ.
ޒަރީރު އެ މަގާމަށް އައްޔަނުކުރައްވާފައިވަނީ ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިމަހުގެ 13 ގައެވެ. ޒަރީރު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހޮވުމަށް ފެންނަ ކަމަށް 41 މެންބަރުން ވޯޓު ދެއްވިއެވެ.
ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޓެކްސް ކޮމިޝަނަރަށް އައްޔަން ކުރެއްވުމުގެ ކުރިން ޒަރީރު ހުންނެވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗެއާޕާސަން ކަމުގެ މަގާމުގައެވެ. އޭނާ ބީއެމްއެލްގެ ޗެއާޕާސަންކަން ކުރެއްވީ، މިދިޔަ މާޗު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ހަސަން ޒަރީރަކީ ޓެކްސް އަދި އޮޑިޓާ ގުޅޭ އެކި މަގާމުތަކުގައި 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ޒަރީރު އެންމެ ފަހުން އަދާކުރައްވާފައިވަނީ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓާ އޮފް ފައިނޭންސް އެންޑް ގްރޫޕް ޗީފް ކޮމްޕަލަޔަންސް އޮފިސަރުގެ މަގާމެވެ.
ޒަރީރު ވަނީ މީގެ ކުރިން ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުވެސް އަދާކުރައްވައިފައެވެ.
ޒަރީރު ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ (އައިއައިޔޫއެމް) އިން ބެޗެލާ އޮފް އެކައުންޓިން އަދި މާސްޓާ އޮފް ސައިންސް ފައިނޭންސް ޑިގްރީ ހާސިލްކުރައްވާފައެވެ. އަދި އޭނާ ވަނީ އިނގިރޭސިވިލާތުގެ ފެލޯ ޗާޓަޑް މެނޭޖްމަންޓް އެކައުންޓަންޓް (އެފްސީއެމްއޭ، ސީޖީއެމްއޭ) އާއި އޮސްޓްރޭލިއާގެ ސަޓިފައިޑް ޕްރެކްޓިސިން އެކައުންޓަންޓްގެ ކޮލިފިކޭޝަން ހާސިލްކުރައްވާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު