ކުދި ޖަޒީރާ ގައުމުތަކުގެ ކޮންފަރެސް، ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (ސިޑްސް)ގެ ހަތަރުވަނަ ބައްދަލުވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާދަމާ ފުރާވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި އެކަމާބެހޭ މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ، އެ ކޮންފަރެންސް އޮތީ އެންޓިގުއާ އެންޑް ބާބިއުޑާގައި މިމަހުގެ 27 އިން 30 އަށް ކަމަށެވެ.

ހީނާ ވިދާޅުވީ ސިޑްސްގެ ކޮންފަރެންސްގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވާނެ ކަމަށެވެ. އަދި މި ކޮންފަރެންސްގެ ހަވާސާގައި ދުނިޔޭގެ އެކި ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުންނާއި އެ ކަމާބެހޭ އެކި މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ހަތް ސްޓޭޓްމަންޓެއް ދެއްވާނެ ކަމަށެވެ.

ސިޑްސް ކޮންފަރެންސްގެ މިފަހަރުގެ ޝިއާރަކީ ފާގަތިކަމާއި ވިލުންތެރިކަން ހާސިލްކުރުމަށް ހިތްވަރާއެކު މަސައްކަތްކުރުމެވެ.

ހީނާ ވިދާޅުވީ މި ކޮންފަރެންސްގައި ރާއްޖޭން ބައިވެރިވުމުގެ އިތުރުން ތިން ހަރަކާތެއް ރާއްޖެއިން އިންތިޒާމުކޮށްގެން އެ ކޮންފަރެންސްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ކޮންފަރެންސްގައި ރާއްޖެއަށް ހުރި ގޮންޖެހުންތަކާއި ރާއްޖެއަށް ބޭނުންވާ އެހީތެރިކަމާ ބެހޭ ކަންތައްތައް ހިއްސާކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަުރުފުޅުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ މިނިސްޓަރު ތޯރިގު އިބްރާހީމާއި، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓަރު ޑރ. އަލީ ހައިދަރު ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ކްލައިމެޓް އެންވޯއީ އަލީ ޝަރީފާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދާއި އެމްބެސެޑާ އެޓް ލާޖު ޑރ. އަލީ ނަސީރު މުހައްމަދުވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސިޑްސް ކޮންފަރެންސަކީ ކޮންމެ 10 އަހަރުން އެއްފަހަރު ބާއްވާ ކޮންފަރެންސެކެވެ.

މިފަހަރުގެ ކޮންފަރެންސްގައި ގައުމުތަކުގެ ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ގައުމުތަކުގެ ލީޑަރުން މަޝްވަރާ ކުރާނެއެވެ. މީގެއިތުރުން މި ކޮންފަރެންސްގައި ދެމެހެއްޓެނިވި ތަރައްގީގެ 2030 ވަނަ އަހަރުގެ އެޖެންޑާ ހާސިލްކުރުމަށްވެސް މަޝްވަރާ ކުރާނެއެވެ.