މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމުގައި ހުންނެވި އަހުމަދު ސަމާހު ރަޝީދު އެ މަގާމުން ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިފްކޯގެ ސީއީީއޯގެ މަގާމުންނާއި މިފްކޯގެ ބޯޑު ޑިރެކްޓަރުންގެ މަގާމުންވެސް ޝަމާހު ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ނުބުނެއެވެ.

ޝަމާހު މިފްކޯގެ ސީއީއޯގެ މާގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

މިފްކޯގެ ސީއީއޯ ކަމުން ޝަމާހު ވަކިކުރި އިރު، އޭނާ މި ވަގުތު ހުންނެވީ 18 ވަނަ "އިންފޯފިޝް ވޯލްޑް ޓޫނާ ކޮންފަރެންސް އެންޑް އެގްޒިބިޝަން" ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ތައިލެންޑުގައެވެ.

ޝަމާހު ވަކިކުރުމުގެ ކުރިން އޭނާއާ ގުޅޭ ގޮތުން ކޯޕަރޭޓް ގަވަނަންސްއާ ގުޅުން ހުރި މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށް ބުނެ ޕީސީބީ އިން ވަނީ ޝަމާހު ސަސްޕެންޑްވެސް ކޮށްފައެވެ. މާޗު މަހުގެ 18 ގައި ކުރި ސަސްޕެންޝަން އުވާލީ ހުސްވި އޭޕްރިލް މަހުގެ 24 ވަނަ ދުވަހުއެވެ.

ޕީސީބީން ޝަމާހު އަށް ފޮނުވި ސިޓީއެއްގައި ބުނެފައިވާ ގޮތުން، އޭނާއާ ގުޅޭ 12 މައްސަލައެއް އެ ބޯޑުން ދިޔައީ ބަލަމުންނެވެ. އެއީ:

  • ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމުގައާއި ސިޔާސީ ބޭނުންތަކަށް ބޭނުންކުރުން
  • ކުންފުނީގެ ދާއިމީ މުވައްޒަފުންނަށް ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކުރުމާއި ވަޒީފާގެ ބިރުދެއްކުމާއި ދާއިމީ މަގާމުތަކުގައި ތިބި މުވައްޒަފުންނަށް ވަޒީފާއާބެހޭ ގާނޫނު ހިލާފަށް ސަބަބެއް ނެތި މަގާމާއި މުސާރަ ދަށްކުރުމާއި ސަބަބެއް ނެތި އެހެން ޑިޕާޓްމެންޓުތަކަށާއި ކުންފުނީގެ ސައިޓުތައް ހުންނަ ރަށްރަށަށް ބަދަލުކުރުން
  • ކުންފުނީގެ މުވައްޒަފުން ނެގުމާ ގުޅޭގޮތުން ހަދާފައިވާ ޕޮލިސީތަކާއި މުސާރައިގެ އޮނިގަނޑާ ހިލާފަށް ސީއީއޯގެ އާއިލީ ގުޅުންހުރި ފަރާތްތަކަށާއި ރަށްޓެހިންނަށް ބަޖެޓު ނެތް އިރުވެސް ވަޒީފާދިނުން
  • ޕީސީބީގެ ހުއްދަ ހޯދުމަކާ ނުލައި ކުންފުނީގެ މަގާމުތައް އުފައްދައި އެ މަގާމު ތަކަށް މީހުން ނެގުން
  • ހެޑު ހަންޓް ކުރުމުގެ ނަމުގައި މުވައްޒަފުންގެ ގަވާއިދާ ހިލާފަށް، އެއްވެސް ޝަރުތުތަކަށް ބެލުމެއް ނެތި، އިއުލާނު ނުކޮށް މުވައްޒަފުން ނެގުމާއި އިޖުރާތުތައް ފުރިހަމަ ނުކޮށް މުވައްޒަފުން ވެއްދުން
  • އުސޫލުތަކާ ހިލާފަށް އެކަށީގެންވާ ތައުލީމާއި ތަޖުރިބާއެއް ނެތް ފަރާތްތައް ޑިޕާޓްމަންޓުތަކުގެ ވެރިންނަށް ލުން
  • ސީއީއޯ ރަސްމީ ދަތުރުތަކުގައި ވަޑައިގަންނަވާ އިރު ކުންފުނީގައި ހެދިފައިވާ ޑެލިގޭޝަން މެޓްރިކްސްއާ ހިލާފަށް ކަމާ ނުބެހޭ މުވައްޒަފުންނާއި ކުންފުނި ހިންގުން ހަވާލުކުރުން
  • ކުންފުނީގެ އޮޓް ބިޑު ކޮމިޓީ ބަދަލުކޮށް، ބެސްޓްޕްރެކްޓިސްއާ ހިލާފަށް ގާތް މީހުން އެކޮމިޓީއަށް ލުން
  • ކުންފުނީގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް އުވާލާނެކަމުގެ ބިރުދެއްކުމާއި އިންޓާނަލް އޮޑިޓްގެ މަސައްކަތްތައް މިނިވަން ކަމާއެކު ކުރިއަށް ގެންދިއުމަށް ހުރަސްއެޅުން
  • ރަސްމީ ބޭނުމެއްގައި ނޫންގޮތަށް ސީއީއޯގެ އާއިލީ ބޭފުޅުން އޮފީހަށް ގެނައުން
  • ކުންފުނީގެ މުވައްޒަފުން ނޫން ފަރާތްތަކަށް، ކުންފުނީގެ ތަންތަނަށް ވަދެ ނުކުމެ އުޅުމުގެ ފުރުސަތު ހުޅުވާފައި ބޭއްވުމާއި ވަސީލަތްތަކަށް އެކްސެސް ވެވުން
  • ކުންފުނީގެ މާލީ ހާލަތު ހުރިގޮތަށް ނުބަލައި ސީއީއޯ ރާއްޖޭން ބޭރު ދަތުރުތައް ކުރުމާއި ދަތުރުކުރާ އިރު، ބިޒްނަސް ކްލާސް ބޭނުންކުރުމާއި މަސައްކަތާ ނުގުޅޭ މުވައްޒަފުން ދަތުރުތަކުގައި ބައިވެރިކުރުން