އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގެ 28 ވަނަ އަހަރީ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެ، އިންޑިއާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކޮށް ބެލެހެއްޓުމަށްޓަކައި މުހިންމު ގަރާރުތަކެއް ފާސްކޮށްފިއެވެ.
މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 13 އިން 17 އަށް ތައިލެންޑްގައެވެ.
މި އަހަރުގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް ހަ ގައުމަކުން ހުށަހެޅުނު 24 ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ. މީގެ ތެރެއިން 16 ހުށަހެޅުމެއް ވަނީ އައިއޯޓީސީގެ މެމްބަރު 30 ގައުމުގެ އިއްތިފާގުން ފާސްކޮށްފައެވެ.
މި އަހަރުގެ ބައްދަލުވުމުގައިވެސް ކަނޑުމަހުގެ އާބާދީ ބަލަހައްޓައި ދެމެހެއްޓުމަށް ދިވެހިރާއްޖެއިން ބާރުއަޅާފައިވެއެވެ.
މިގޮތުން ކުރެވުނު މަސައްކަތުގެ ތެރެއިން ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ އިންޑިއާ ކަނޑުގައި ބޮޑުދަލުގެ މަސްވެރިކަން ކުރާ އުޅަނދުތަކުން ބޭނުންކުރާ އޮޔާދާ ކަނދުފަތި (ޑްރިފްޓިން ފިޝް އެގްރިގޭޓިން ޑިވައިސަސް) ބޭނުންކުރުން މެނޭޖްކުރާނެ ގަރާރެއް ފާސްކުރެވުން ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުންޏެވެ.
މިގަރާރުގެ ސަބަބުން ފުރަތަމަ ފަހަރަށް އިންޑިއާ ކަނޑުގައި ބޮޑުދަލުގެ މަސްވެރިކަން ކުރާ އުޅަނދުތަކުން ބޭނުންކުރާ އޮޔާދާ ކަނދުފަތީގެ ދަފްތަރެއް ގާއިމްކުރެވި، މިސަރަހައްދުގައި ބޭނުންކުރާ އޮޔާދާ ކަނދުފަތީގެ އަދަދު މޮނިޓާ ކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ބޮޑުދަލުގެ މަސްވެރިކަމަކީ ކުދި ރީނދޫ އުރަހަ ގިނައިން ބާނަމުންދާ މަސްވެރިކަމެކެވެ.
އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ އާބާދީ މިހާ ދަށްވެފައިވާ ދަނޑިވަޅުގައި މިފަދަ ގަރާރެއް ފާސްކޮށް އެއަށް އަމަލުކުރަން ފެށުން ވެގެންދާނީ ރީނދޫއުރަހަ ކަންނެލީގެ އާބާދީ ރަނގަޅު ހާލަތަކަށް ގެނައުމަށް ލިބިގެންދާނެ ވަރަށް ބޮޑު އެހީއަކަށް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މިގަރާރަކީ ދެކުނު އެފްރިކާ، އިންޑޮނީޝިއާ، ޕާކިސްތާން، ޔޫރަޕިއަން ޔޫނިއަން، ދެނުކު ކޮރެއާ، މޮރިޝަސް އަދި ސީޝެލްސްއިން އެއްކޮށް މަސައްކަތްކޮށް ރާއްޖެއިން ގައުމުތަކުގެ މެދުގައި ފެސިލިޓޭޓްކޮށްގެން ފާސްކުރެވުނު ގަރާރެކެވެ.
މިއީ މި ބައްދަލުވުމުގައި ހާސިލްކުރެވުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ، ކަޅުބިލަ މަހުގެ މަސްވެރިކަން މެނޭޖްކުރުމަށް މެނޭޖްމެންޓް ޕްރޮސީޖާއަކަށް އެއްބަސްވެވުމަކީވެސް މިއަހަރުގެ ބައްދަލުވުމުން ހާސިލްކުރެވުނު މުހިންމު ކާމިޔާބީއެއް ކަމަށެވެ.
ދެކުނު ކޮރެއާ އާއި ރާއްޖެއިން ގުޅިގެން އައިއޯޓީސީއިން މިހާރު އަމަލުކުރަމުންދާ ކްލައިމެޓް ޗޭންޖާ ބެހޭ ގަރާރަށް އިތުރު އިސްލާހެއް ގެނެސް އެ ގަރާރު އިތުރަށް ވަރުގަދަ ކުރުމަށް ހުށަހެޅި ޕްރޮޕޯސަލްވެސް ވަނީ ފާސްކޮށްފައެވެ.
މީގެ ނަތީޖާއެއްގެ ގޮތުން މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކަނޑުމަހުގެ މަސްވެރިކަމަށް ކޮށްފާނެ އަސަރުތަކަށް ދެނެގަތުމަށް އައިއޯޓީސީގެ ސައިންޓިފިކް ކޮމިޓީގެ ކޮންމެ އަހަރެއްގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް އެޖެންޑާކުރެވިގެން ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އިންޑިއާ ކަނޑުގެ މިޔަރުގެ އަބާދީ މެނޭޖްކޮށް ބެލެހެއްޓުމަށް ރާއްޖެ އާއި ޕާކިސްތާންއާ ގުޅިގެން ހުށަހެޅި ހުށަހެޅުން މި އަހަރުގެ ބައްދަލުވުމުގައި ހުރިހާ މެންބަރު ގައުމުތަކުގެ އެއްބަސްވުން ލިބިފައިނުވާތީ ފާސްވެފައެއް ނުވެއެވެ. މި ހުށަހެޅުމުގެ ބޭނުމަކީ މަސްވެރިކަމުގައި ބޭނޭ މިޔަރުގެ އުރަހަ އެއްގަމަށްގެނެސް ކިރުވަންދެން އޭގެ ހަށިގަނޑުން ވަކިކުރުން މަނާކުރުމެވެ.
ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި މި ހުށަހެޅުމުގެ ބޭނުމަކީ މިޔަރުގެ އުރަހަ ހަށިގަނޑުން ވަކިކޮށްފައި ހުންނަ އިރު އެ މިޔަރުގެ ބާވަތް ދެނެގަތުމަށް އުނދަގޫވުމާއި އެހެނިހެން ސަރަހައްދީ ޖަމްއިއްޔާތަކުގައި މިޔަރު އާބާދީގެ މައުލޫމާތު ފުރިހަމަކުރުމަށް ބޭނުންކުރާ މިހަމަޔަކީ ދުނިޔެ ގަބޫލުކުރާ އެންމެ ރަނގަޅު ޕްރެކްޓިސް ކަމަށްވާތީއެވެ.
އައިއޯޓީސީއަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބަލަހައްޓާ ސަރަހައްދީ ޖަމުއިއްޔާއެވެ. އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ގައުމުތަކުގެ އިތުރުން އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރާ ގައުމުތަށް ހިމެނޭހެން 29 ގައުމަކުން މިޖަމިއްޔާގައި ބައިވެރިވެއެވެ.
ރާއްޖެއިން އައިއޯޓީސީގެ މެންބަރަކަށްވީ 2011 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު