އަނިޔާވެރިކޮށް މަރާލި ރ. މީދޫ/ ފެންފިޔާޒުގެ، މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާކޮށްފައިވާ ހަތް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގެ އިސްތިއުނާފަށް ހުށަހަޅައިފިއެވެ.
އަނަސް މަރާލި މައްސަލައިގައި ނުވަ މީހެއްގެ މައްޗަށް ދައުވާ ކުރިއެވެ. އޭގެ ތެރެއިން ދެ މީހަކީ އޭރު ކުޑަ އެކުދިން ކަމަށްވުމުން ދައުލަތުން ވަނީ އެ ދެ ކުދިންގެ ވަނަވަރު ސިއްރުކޮށްފައެވެ. އެ ދެ ކުދިންނަށްވެސް ކުރީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ޖުވެނައިލް ކޯޓުގައި އެ ކުދިންގެ މައްޗަށް އޭރު ކުރި ދައުވާ ސާބިތުނުވާ ކަމަށް 2021 ވަނަ އަހަރު ހުކުމް ކުރުމުން ދައުލަތުން ހަމަ އެ އަހަރު އެ މައްސަލަ ހައިކޯޓަށް ހުށެޅިއެވެ. ހައިކޯޓުން ހުކުމް ކުރީ އެއް ކުއްޖެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އެހެންކަމުން 18 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރިއެވެ.
އޭގެ އިތުރުން އަނަސް މަރާލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ދައުވާ ތިން މީހެއްގެ މައްޗަށް ކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ، އަފްރާހު އަބްދުއްރައްޒާގު، މ. ލޮނުމިދިލިގެ، މާލެ އާއި އަހުމަދު ޒަޔާން، އަސުރުމާގެ، ޅ. ކުރެންދޫ އަދި އުސްމާން ޝަރީފް، މ. ދިމިޝްގު، މާލެއެވެ.
މީގެ އިތުރުން ނައިހު އަބްދުﷲ، ނަންނާރިގެ، ލ. ގަން ތުނޑީ އާއި ހަސަން މަހްފޫޒް، ވެސްޓަންވިލާ، ސ. ފޭދޫ އާއި ސިމާހު މޫސާ، ދަފްތަރު ނަމްބަރު 1746، މާލެ އަދި މުހައްމަދު ޝާޒް، ގުލްފާމުގެ، ތ. ކިނބިދޫގެ މައްޗަށް އެ މައްސަލައާ ގުޅިގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ކުރިއެވެ.
އަނަސް މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި 31 ވަނަ ދުވަހުގެ ރޭ 9:15 ހާއިރު ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ގްރޫޕަކުން ވަޅިން ހަމަލާދީ ހިންގި މާރާމާރީގައެވެ.
ދައުލަތުން ވަނީ އެ މީހުންނާ ދެކޮޅަށް ގިނަ އަދަދެއްގެ ސިއްރު ހެކިވެރިންނާއި ފުލުހުންނާއި ކިތާބީ ހެކި ކުރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ. ސިއްރު ހެކިވެރިންގެ ތެރޭގައި އައިޖީއެމްއެޗުގެ ޑޮކްޓަރުންނާއި ކުޑަކުދިން ހިމެނެއެވެ.
ފުލުހުންގެ ތެރޭގައި ހިމެނެނީ އަނަސްގެ މަރުގެ މައްސަލައިގައި ފޮރެންސިކް އެވިޑެންސް ހޯދުމަށް މަސައްކަތް ކުރި ފުލުހުންނާއި ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރުމުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންގެ އިތުރުން މައްސަލަ ތަހުގީގުކުރުމުގައި ބައިވެރިވި ފުލުހުންނެވެ. ކިތާބީ ހެކީގެ ގޮތުގައި ހުށަހަޅާފައި ވަނީ ފޮރެންސިކް އެވިޑެންސް ރިޕޯޓާއި އަނަސްގެ މެޑިކޯ ލީގަލް ރިޕޯޓެވެ. އަދި ވަނީ ސީސީޓީވީ ފޫޓޭޖުތަކަކާއި އިންޓެލިޖެންސް ރިޕޯޓު ހުށަހަޅައިފައެވެ.
އެ މައްސަލައިގައި މިދިޔަ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ކުރިމިނަލް ކޯޓުން ހުކުމް އިއްވެވި ރައުޔުގައި ގާޒީ އަލީ ނަދީމް ވިދާޅުވެފައިވަނީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ސީސީޓީވީ ފޫޓޭޖުތަކުގައި ދައުވާ ލިބޭ މީހުންނާ ދެކޮޅަށް ބުރަދަން ދެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ.
އެގޮތުން އަނަސް މަރާލުގައި ބައިވެރިވި މީހުންނާ ދެކޮޅަށް ހުށަހެޅި ސީސީޓީވީ ފުޓޭޖުން ފެންނަ މީހުންނަކީ އަނަސް މަރާލުގައި ބައިވެރިވި މީހުންކަން ސާފުކޮށް ނޭނގޭ ކަމަށެވެ. ދައުލަތުން ސީސީޓީވީ ފުޓޭޖު ހުށަހެޅީ އަނަސް މަރާލުމަށް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ލިބޭ މީހުން ވަނުމުން ގަރާޖުގެ އެތެރޭގައި އެވަގުތު ތިބި މީހުން އެކަމަށް އެހީވިކަން ސާބިތު ކުރުމަށެވެ.
ގާޒީ ނަދީމް ވިދާޅުވީ އަނަސް މަރާލުމުގައި ބައިވެރިވި ކަމަށް ދައުވާކޮށްފައިވާ މީހުންނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އިތުރު ހެކިތަކުން ވެސް އެ ދައުވާތައް ލިބޭ މީހުން އެކަމުގައި ބައިވެރިވިކަން ސާބިތުނުވާ ކަމަށެވެ. އަދި ދައުލަތުން އެ މީހުންނާ ދެކޮޅަށް ހުށަހެޅި ހެކިތަކުގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަނުވާތީ އެ ހެކިތައް ގަބޫލު ނުކުރެވޭނެ ކަމަށް ގާޒީ ނަދީމް ވިދާޅުވިއެވެ.
އަދި ވިދާޅުވީ ދައުވާ ލިބޭ މީހުންގެ ކޯލް ރެކޯޑުތަކަކީ ފުލުހުން ތައްޔާރުކޮށްފައިވާ ރިޕޯޓަކަށްވުމުން އެ ރިޕޯޓަށް ރިއާޔަތް ނުކުރެވޭނެ ކަމަށެވެ. ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި އަނަސްގެ މަރުގެ ތަހުގީގީ ރިޕޯޓަކީ ސިއްރުކޮށްފައިވާ އެއްޗަކަށްވުމުން އެ ރިޕޯޓުގައި ހުރި ކަންކަން ދައުވާ ލިބޭ މީހުންނަށް އެނގިފައިނުވާ ކަމަށް ގާޒީ ނަދީމް ވިދާޅުވިއެވެ. އަދި އެ ތަހުގީގީ ރިޕޯޓަކީ ހެކި ވަޒަން ކުރުމުގައި ބުރަދަން ދެވިދާނެ ރިޕޯޓެއް ކަމުގައި ނުބެލެވޭނެ ކަމަށް ގާޒީ ނަދީމް ވިދާޅުވިއެވެ.
މީގެ އިތުރުން ގާޒީ ނަދީމް ވިދާޅުވީ މި މައްސަލައިގެ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކީ ހެއްކެއް ކަމަށް ރިއާޔަތް ކުރެވިދާނެ ރިޕޯޓެއް ނޫން ކަމަށެވެ.
އެ ހުރިހާ ކަމެއް ފާހަގަކުރައްވައި ގާޒީ ނަދީމް ހުކުމް ކުރެއްވީ ދައުލަތުން އެކަށީގެންވާ ހެކި ހުށަހަޅާފައިނުވާތީ އެ ހަތް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު